ޚަބަރު

ޝަހުޒާން މިނިވަން ކުރަން ގޮވާލާ އެއްވުމެއް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވަނީ

24 މޭ 2026 - 15:44
ޝަހުޒާން މިނިވަން ކުރަން ގޮވާލާ އެއްވުމެއް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވަނީ
ކޮންޓްރޯލް ބިލާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ޝަހުޒާން، ފޮޓޯ: ވިރާސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމާ ގުޅިގެން، 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިނިވަން ކުރުމަށް ގޮވާލައި، މިރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވާން ނިންމައިފިއެވެ.

މިރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުމުގައި ނޫސްވެރިންގެ އިތުރުން ޝަހުޒާންގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ވީހާވެސް ގިނަ ބަޔަކު މި އެއްވުމުގައި ބައިވެރިވުމަށް އެދިފައެވެ.

ޝަހުޒާންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ، "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ނިންމުމަށްފަހުއެވެ. މި ޝަރީއަތަކީ ގާނޫނީ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ވަގުތެއް ނުދީ، ވަރަށް ބޮޑަށް އަވަސްއަރުވާލައިގެން ބޭއްވި ޝަރީއަތެއް ކަމަށް އާއިލާއާއި ވަކީލުން ފާހަގަކުރެއެވެ.

ނޫސްވެރިޔާ ޝަހުޒާން މިނިވަންކުރުމަށް ގޮވާލައި ރާއްޖެއާއި ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކަކުން ދަނީ އަޑުއުފުލަމުންނެވެ. ރާއްޖޭގައި ނޫސްވެރިއަކު ޖަލަށްލީ ހަބަރު މިހާރު ވަނީ ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0