ތިންބައިކުޅަ އެއްބައި މެންބަރުން ހުށަހެޅުމުން މުއިއްޒު ވަކިކުރަން ވޯޓަށް އަހަން ޖެހޭނެ: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަފުޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މެންބަރުން ހުށަހެޅުމުން އެ ވޯޓު ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
މި މައްސަލަ އުފެދުނީ މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒު ވެރިކަމުން ވަކިކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާތީ، އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ "ނަނާ ހުވަފެން ނުދައްކަވާށޭ" ކަމަށާއި، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށެވެ.
އަބްދުއްރަހީމްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ، މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ސޮއިކޮށް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ. "އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ އެންމެ ބޮޑު ހަމަ،"މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ލިޔުއްވާފައިވެ އެވެ.
Loading tweet content... View original tweet
ރައީސް މުއިއްޒު ވަކިކުރުމުގެ ވާހަކަ ނަޝީދު ދައްކަވަން ފެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅުވައިގެންނެވެ. ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ނާޒިމް ވަކިކުރަން އުޅެނީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ޕީއެންސީގެ 23 މެންބަރަކާ ގުޅިގެން ނާޒިމް މަސައްކަތް ކުރެއްވުމުންނެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ. އަދި މި މައްސަލައިގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރުކޮށްލައްވާފަ އެވެ. މިކަމުން ދޭހަވަނީ ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމެވެ.
މި މައްސަލައިގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހަރުކަށި ރާގަކަށް ވާހަކަދެއްކެވި ނަމަވެސް، ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަވެއްޖެ ނަމަ، އެފަދަ ވޯޓެއް ހުއްޓުވުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެން ނުވެ އެވެ.






ރިއެކްޓް