މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފުރުސަތެއް ނުދޭނަން: އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެން އެ ކަން ފާސްކުރަން ފުރުސަތު ނުދޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މަޖިލީހުގެ ޕީއެންސީގެ މެންބަރުންގެ ތާއީދުން ރައީސް މުއިއްޒު ވެރިކަމުން ބާލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކޮށްގެން ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު މި ވާހަކަ ގުޅުވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައާ އެވެ. ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ނާޒިމް ވަކިކުރަން އުޅެނީ ޕީއެންސީގެ 23 މެންބަރަކާ ގުޅިގެން ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުއްވުމުންނެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ސައީދު (ސޮޑާ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާނެ މެންބަރެއް މަޖިލީހުގައި ނުހުންނާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ނަޝީދު ހުވަފެން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުގެންވޭނެ ކަމަށެވެ. "އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުން ޕީއެންސީއަށް ސުޕަ މެޖޯރިޓީ ދިނީ ރައީސް މުއިއްޒުގެ ސަރުކާރު ރައްޔިތުން ބޭނުންވާ ގޮތަށް ހިންގުމަށް މަގުފަހިކުރުމަށެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ހަމައަށް އައި އިރު ވެސް ރައްޔިތުންގެ އެ ވިސްނުމަކަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ހިތަދޫ އުތުރު ދާއިރާގެ ވޯޓު ދިނުމުގައި މާޒީން އިބުރަތް ހާސިލުކުރުމަށް ގޮވާލައްވާފަ އެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) 10 އަހަރު އައްޑޫގެ މޭޔަރުކަން ކުރެއްވި އިރު އައްޑޫގެ ތަރައްގީ ދިޔައީ ފަހަތަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ.






ރިއެކްޓް