ކުލީގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: މުންދު
މާލޭ ސަރަހައްދުގައި ދިރިއުޅޭ ތަންތަނުގެ ކުލި ބޮޑުވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވީ ނަމަވެސް ކުލީގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުންދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސަރަހައްދުގެ އެޕާޓްމަންޓްތަކާއި ކޮޓަރިތަކުގެ ކުލި އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެއްވެސް ވިސްނުމެއް ގެންގުޅުއްވާތީ ނޫސްވެރިއަކު އެއްސެވުމުން މުންދު ވިދާޅުވީ "ކުލި ކޮންޓްރޯލް ކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ" ކަމަށެވެ.
މާލެސިޓީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ހިޖުރަކޮށްގެން ދިރިއުޅެން މަޖުބޫރު ވެފައިވާ ސިޓީއަކަށް ވާއިރު މާލޭގައި ދިރިއުޅުމަށް ކުއްޔަށް ހިފަންޖެހޭ ތަންތަނުގެ ކުލި އުޅެނީ ޢާއްމު ފަރުދުންގެ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް މަތީގައެވެ. މިގޮތުން މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތެއްގެ މަހު މުސާރައަށްވުރެ ދިރިއުޅޭ އެޕާޓްމަންޓުގެ އަގު އުފުލި ފިނަ ބަޔަކު މި ތަކުލީފުގެ ޝަކުވާ ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.
އަދި މީގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ސޯޝަލް އަދި އެފޯޑަބަލް ހައުސިން ޔުނިޓްތައް ބޮޑުއަގުގައި ކުއްޔަށްދިނުން އިންތިހާއަށް ގިނަވެފައިވުމަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިފަދަ މައްސަލަތަކަށް ސަރުކާރުން އިސްކަމެއް ދީގެން ކުލި ވަކި މިންގަޑެއްގައި ހިފެހެއްޓުމަށް އުސޫލުތަކެއް ނުވަތަ ޤާނޫނެއް އެކުލަވާލުމަކީ އާއްމުން ދެކެމުންދާ ހުވަފެނެކެވެ.






ރިއެކްޓް