ސިޔާސީ , ޚަބަރު

ރައީސް ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި

23 މޭ 2026 - 10:55
 2
ރައީސް ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ. 

ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތީ ރ. ދުވާފަރުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގައި އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަކީ މެންބަރުން ވަރަށް ބޮޑަށް ދެރަވި ކަމެއް ކަމަށާއި، އެއީ ހެއްދެވުނު "މިސްޓޭކެއް" ކަމަށް ބަލައި މައާފަށް އެދިވަޑައިގަތުމަށް އެދިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑު ހަމަ މާފަށް އެދެން" ކަމަށެވެ.

އެމްޑީޕީ ދޫކޮށްލަން ޖެހުނު ސަބަބުތައް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނާ ވާހަކަދެއްކުން ހުއްޓާލެއްވި ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި، އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި ހަސަން ލަތީފް ފަދަ ބޭފުޅުން ޕާޓީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުމުން ޕާޓީގައި މަޑުކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް 2023 ގެ އިންތިހާބު ގެއްލުނީ ހަމައެކަނި އެމަނިކުފާނު ވަކިވުމުން ނޫން ކަމަށާއި، އެއީ އޭރުގެ ކެންޑިޑޭޓުގެ ފެންވަރު ހުރި މިންވަރުން ދިމާވި ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު މައާފަށް އެދިވަޑައިގަތުމާއެކު، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ވަނީ އެދިވަޑައިގެންފައެވެ. "އަޅުގަނޑުވެސް ގޯސް ކަންތައް ކުރީ. އެކަމަކު ތިބޭފުޅުން ވެސް އަޅުގަނޑަށް މައާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެއް ބާނީ ކަމަށްވާ ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ ޖޫން 2023 ގައެވެ. އޭގެ ފަހުން 'ދަ ޑިމޮކްރެޓްސް' އުފައްދަވައި އެ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިއަހަރުގެ ޖޫން މަހުއެވެ. މިހާރު އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހޯއްދެވުމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1