ސިޔާސީ , ޚަބަރު

ފާޑުކިޔުންތަކާ ގުޅިގެން ސިޓީތަޖުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި

22 މޭ 2026 - 16:12
ފާޑުކިޔުންތަކާ ގުޅިގެން ސިޓީތަޖުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން، އެ މުސާރަތައް އަނެއްކާވެސް ކުޑަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ މިހާރު ވަނީ 20،000 ރުފިޔާއަށް ދަށްކޮށްފައެވެ.

މި ބަދަލާއެކު، ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް ދޭން ނިންމާފައިވަނީ މަހަކު 15،000 ރުފިޔާއެވެ. މިއީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ މުރާޖައާކުރަން އެދި ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅި އަދަދުތައް ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލަކީ ފާއިތުވި ދެ ދުވަސް ތެރޭގައި މި މުސާރަތައް މުރާޖައާ ކުރި ތިންވަނަ ފަހަރެވެ. ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 41،500 ރުފިޔާ ދިނުމަށެވެ. ނަމަވެސް، އެ އަދަދު ފަހުން 33،000 ރުފިޔާއަށް ކުޑަކުރުމަށްފަހު، މިހާރު މިވަނީ އަނެއްކާވެސް ބޮޑުތަނުން ދަށްކޮށްފައެވެ.

އަލަށް ކަނޑައެޅި މުސާރައިގެ ތަފްސީލަށް ބަލާއިރު، ސިޓީ އަންހެނުން ކޮމެޓީތަކުގެ ނައިބު ރައީސުންނަށް 7,000 ރުފިޔާ އަދި މެމްބަރުންނަށް 6,000 ރުފިޔާ ލިބޭނެއެވެ. ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 6,000 ރުފިޔާ އަދި މެމްބަރުންނަށް 5,000 ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ ސީޓިން އެލަވަންސެއް ލިބޭނެއެވެ. ނަމަވެސް އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ދެވޭނީ 2,000 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިއީ މި މުސާރަތަކާ މެދު ނިންމި އެންމެ ފަހުގެ ނިންމުމެވެ. އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ އެތައް ގުނައަކަށް ބޮޑުކުރަން އުޅުމުން ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ގެނައި މި ބަދަލަކީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖުބޫރުވެގެން ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 2