ސިޔާސީ

ހަމައިސްކޮޅަށް އެމްޑީޕީއަށް ތެދުވެވޭނީ ރައީސް ނަޝީދު އެމްޑީޕީއާއި ހަވާލުވެގެން: ފަޔާ

22 މޭ 2026 - 08:00
 1
ހަމައިސްކޮޅަށް އެމްޑީޕީއަށް ތެދުވެވޭނީ ރައީސް ނަޝީދު އެމްޑީޕީއާއި ހަވާލުވެގެން: ފަޔާ

ރަނގަޅު ދިވެހިރާއްޖެއަކަށް ދެވެން އޮތީ އެމްޑީޕީ ހަމައިސްކޮޅަށް ތެދުވެގެން ކަމަށާއި އެމްޑިޕީއަށް ހަމައިސްކޮޅަށް ތެދުވެވެން އޮތީ ރައީސް ނަޝީދު އެމްޑީޕީއާއި ހަވާލުވެގެން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މިހާރު ރާއްޖޭގެ އޮޕޮޒިޝަން ލީޑަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް ނަޝީދުގެ "ބޮޑުބަދަލު" ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއަދު ރާއްޖޭގެ ކަންކަމާއި އެމްޑީޕީގެ ކަންކަން ހުރިގޮތުން އެމްޑީޕީއަށް އަލުން ޖޯޝު ގެނެސް ރައްޔިތުންނަށް އިތުބާރު ގެނެވެންް އޮތީ ރައީސް ނަޝީދު އެމްޑީޕީއާއި ހަވާލުވެގެން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ސަރުކާރާއި ވިއްދާނެ ޕާޓީއެއް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ސަރުކާރު ބަލިކުރާނެ ޕާޓީއެއް. އަޅުގަނޑުމެން މިއުޅޭނީ މުއިއްޒު ބާލާނެ ޕާޓީއެއް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ރައްޔިތުންނަށް އަަނެއްކާވެސް އުއްމީދެއް ލިބޭނެ ޕާޓީއެއް ނިކުންނަން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު ރައީސް ނަޝީދު ގެންނަން މިޖެހެނީ." ރައީސް ނަޝީދު ޗެއަރޕާސަންކަމަށް ގެންނަން ޖެހޭ ސަބަބުތައް ލިސްޓުކުރަމުން ފަޔާ ވިދާޅުވިއެވެ.

ފަޔާ ވިދަޅުވީ ރައީސް ނަޝީދު ނޫން ޗޮއިސްއެއް ނެތް ކަމަށާއި 12 ޖޫންގައި އޮންނަ އިންތިޚާބު ކާމިޔާބުކުރަން ތައްޔާރު ކަމަށެވެ.

ފަޔާގެ ވާހަކަކޮޅު ނިންމާލެއްވީ ރައީސް ނަޝީދުގެ ކެންޕޭން ލަވައެއް ކަމަށްވާ "ހިނގާ ދަމާ ކުރިއަށް... ހިނގާ ދަމާ ބާރަށް... ހިތާ ހިތުން ގުޅިގެން.. އެކީގަ އެމްޑީޕީ.... ހިނގާ ދެމާ ވޯޓެއް... ނަޝީދު ނަންބަރު 1 ......" ކިޔަމުން ނަޝީދަށް ކުރާ ތާއީދު ހާމަކުރައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 0
މަޖާ މަޖާ 0