ސިޔާސީ , ޚަބަރު

މި ސަރުކާރު އައި ފަހުން މަސްވެރިކަމަށް ނުކުންނަ ޒުވާނުން އިތުރުވެއްޖެ: މުންދު

21 މޭ 2026 - 16:55
މި ސަރުކާރު އައި ފަހުން މަސްވެރިކަމަށް ނުކުންނަ ޒުވާނުން އިތުރުވެއްޖެ: މުންދު

މި ސަރުކާރު އައި ފަހުން މަސްވެރިން ބާނާ މަހަށް ބަރާބަރަށް ފައިސާ ދޫކުރަން ފެށުމާއެކު، މަސްވެރިކަމުގެ ސިނާއަތް ދޫކޮށްފައި ދިޔަ ފަރާތްތައް އަނބުރާ އަންނަން ފަށާފައިވާ ކަމަށާއި، މި ސިނާއަތަށް އަލަށް ވަންނަ ޒުވާނުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްތަރުޖަމާނު ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށުމުން، މަސްވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. މީގެ ކުރިން ބާނާ މަހަށް ފައިސާ ނުލިބި، އުޖޫރަ ހޯދުމަށް ސަރުކާރަށް ސަލާން ޖަހަން ޖެހުމުގެ ސަބަބުން ގިނަ ބަޔަކު މާޔޫސްވެ މި މަސައްކަތާ ދުރަށް ދިޔަ ނަމަވެސް، މިހާރު އެ ހާލަތު ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ، "ރާއްޖޭގެ މަސްވެރިންނަކީ އޮޔާ، ވަޔާ، ވާރެ އާއި ގަދަހޫނުގައި ބުރަ މަސައްކަތްތަކެއް ކޮށްގެން އާމްދަނީ ހޯދާ ބައެއް. އެ ބޭފުޅުން އެ މަސައްކަތް ކުރައްވާފައި، ސްލިޕެއް ދިއްކޮށްލުމަށްފަހު އެ ބޭފުޅުންގެ ހައްގު އުޖޫރަ ހޯދުމަށް ސަރުކާރަށް ސަލާން ޖަހަން ޖެހުމަކީ ސަރުކާރަކަށް ލަދުވެތި ކަމެއް. ނަމަވެސް މިހާރު އެކަން ބަދަލުކޮށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރަން ފެށުމުން މި ސިނާއަތަށް އަލަށް ވަންނަ މަސްވެރިން ވެސް ގިނަ، އަދި އަނބުރާ އަންނަ މަސްވެރިންވެސް ގިނަވެއްޖެ،" ކަމަށެވެ.

މީގެ އިތުރުން، މަސްވެރިކަމާ ބެހޭ ވުޒާރާއިން މި ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ބާވަތްތައް އިތުރުކުރުމާއި، އެކްސްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ. އެގޮތުން މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1