ހުޅުވިތާ ހަތަރު އަހަރު ފަހުން ސަލްމާން މިސްކިތުގެ ނަން ބޯޑު ހަރުކޮށްފި
ވެރިރަށް މާލޭގެ މަލަމަތިން އިސްލާމީ ވަންތަކަން ދައްކުވަދޭ އަދި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ސަލްމާން މިސްކިތް ހުޅުވިތާ ހަތަރު އަހަރު ފަހުން، އެ މިސްކިތުގެ ނަން ބޯޑު މިއަދު ހަރުކޮށްފިއެވެ.
މިސްކިތުގެ ނަން ބޯޑުގައި އަރަބި ބަހުން ލިޔެފައިވަނީ "ޖާމިއު ހާދިމުލް ހަރަމައިނިއް ޝަރަފައިނި، އަލް މަލިކު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސުއޫދު" މިފަދައިންނެވެ. މީގެ ކުރިން މި ބޯޑު ހަރުކުރި ތަނުގައި ސަތަރި ދަމާފައި ހުރުމަށްފަހު، މިދިޔަ އަހަރު ސަތަރިގަނޑު ނެގި ނަމަވެސް މިއަދާ ހަމައަށް އެތަން އޮތީ ހުސްކޮށެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކުރި މި މިސްކިތުގެ މަސައްކަތް 2017 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިސްކިތް ހުޅުވުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. މިސްކިތް ރަސްމީކޮށް ހުޅުވާފައިވަނީ 1 އެޕްރީލް 2022 ގައެވެ.
މިސްކިތް ހުޅުވިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް ނަން ބޯޑު ހަރުކޮށްފައި ނުވާތީ އާންމުންގެ ފާޑުކިޔުންތައް މީގެ ކުރިން ވަނީ އަމާޒުވެފައެވެ. ނަމަވެސް މިއަދު މި ބޯޑު ހަރުކުރުމާއެކު، މިސްކިތުގެ ބޭރުގެ ފުރިހަމަކަން މިހާރު ވަނީ އިތުރުވެފައެވެ.






ރިއެކްޓް