އާ ލީޑަރުންނަށް ފުރުސަތު ދޭންޖެހޭ، ނަޝީދު ޗެއާޕާސަންކަމަށް ވާދަކުރުން ރަނގަޅެއް ނޫން: ރައީސް ސޯލިހު
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިއީ އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައެވެ.
މި ޖަލްސާއަކީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށް ހިންނަވަރުގައި ބޭއްވި ޖަލްސާއެކެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕާޓީއަށާއި ގައުމަށް ރައީސް ނަޝީދު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް މި އިންތިހާބުގައި މީކާއީލަށް ތާއީދު ކުރައްވަން ނިންމެވީ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.
ޒުވާނުންގެ ބައިވެރިވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯލިހު ފާހަގަކުރެއްވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ 40 ޕަސެންޓަކީ ޒުވާނުން ކަމަށްވާއިރު، އެމްޑީޕީގެ މެންބަރުންގެ ތެރޭގައި މިހާރު ތިބީ އެންމެ 17 ޕަސެންޓު ޒުވާނުން ކަމަށެވެ. އެހެންކަމުން ޒުވާން ލީޑަރުންނަށް ފުރުސަތު ނުދެވިއްޖެ ނަމަ ޕާޓީއަށް އޮތް ތާއީދު ކުޑަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އެމަނިކުފާނާއި ނަޝީދު މި ވަގުތު އިސްކަންދޭންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ މަސައްކަތްތަކަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.






ރިއެކްޓް