ނޫސްވެރިން ޖަލުން މިނިވަންކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި
ކޯޓު އަމުރަކާ ހިލާފުވި ކަމަށް ނިންމާ، ޖަލުގައި ބަންދުކޮށްފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ވަގުތުން މިނިވަންކުރުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު)އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރު އެލައިން ޕިއަސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދެ ނޫސްވެރިން ގޯސްކޮށް ޖަލަށްލުމާއި، މިނިވަން ނޫސް އިދާރާތަކަށް ފުލުހުން ފޮނުވައި ފާސްކުރުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ބިރުވެރި މެސެޖެއް ދޭ ކަމެއް ކަމަށެވެ. "ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ފަހަތަށް އަޅަމުންދާ ނުރައްކާތެރި ފިޔަވަޅުތައް ބަދަލުކުރަންޖެހޭ،" ޕިއަސަން ވިދާޅުވި އެވެ.
މިއީ އަދަދު ނޫހުން ޝާއިރުކުރި "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅޭ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރު" އަކާ ގުޅިގެން ފެށުނު މައްސަލަ ތަކެކެވެ. އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ޖަލަށްލީ ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސެއްގައި ރައީސްއާ ސުވާލުކުރަނިކޮށް، އެ ސުވާލަކީ ކޯޓު އަމުރާ ހިލާފު ސުވާލެއް ކަމަށް ރައީސް ވިދާޅުވުމަށް ފަހު އެވެ. ލީވާން ޖަލަށްލީ އެ ކޯޓު އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމާފަ އެވެ.
މި މައްސަލާގައި ޝަހުޒާންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ލީވާންގެ މައްޗަށް ވަނީ 10 ދުވަހުގެ ހުކުމެއް އިއްވާފަ އެވެ. މި ހުކުމްތައް އިއްވީ ވަކީލަކު އައްޔަނުކުރަން އެދުމުން އެކަމަށް އެންމެ ދެ ގަޑިއިރުގެ ވަގުތު ދިނުމަށް ފަހު، އަވަސް ޝަރީއަތެއްގެ ތެރެއިންނެވެ.






ރިއެކްޓް