އިހުސާނު އަންގައިގެން ކުއްލި ގޮތަކަށް ރީއިންޓެގްރޭޝަން ސެންޓަރު ހުޅުމާލެ ބަދަލުކުރަނީ
ހޯމް މިނިސްޓަރ އަލީ އިހުސާނު އަންގަވައިގެން ހިންމަފުށީގައި ގާއިމުކޮށްފައިވާ "ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ" ކުއްލި ގޮތަކަށް ހުޅުމާލެއަށް ބަދަލުކުރުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.
ނެޝަނަލް އިންޓެގްރޭޝަން ސެންޓަރު އެންމެ ބޮޑަށް ބޭނުންކުރަމުން އައީ ހަނގުރާމައަށް ރާއްޖެއިން ދާ ފަރާތްތައް އަނބުރާ ރާއްޖެ ގެނެސް އަލުން މުޖުތަމައަށް ނެރުމަށް ތައްޔާރުކުރުމެވެ.
ހުޅުމާލޭގައި ހިންގާ "ހާފްވޭ ހައުސް" އިމާރާތަށް ރީއިންޓެގްރޭޝަން ސެންޓަރު ބަދަލުކުރުމަށް މިނިސްޓަރ އަންގަވާފައިވާކަން މިނިސްޓްރީން "ވިރާސީ" އަށް މަޢުލޫމާތުދިން އިތުބާރުހިފޭ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
"ސީދާ މިނިސްޓަރު އިހުސާނު އަންގަވައިގެން. އެންޑީއޭއަށް މިހާރު ވަނީ ހާފްވޭ ހައުސް ހުސްކުރަން އަންގާފަ. ހާފްވޭ ހައުސް ބަދަލުކުރާނީ ކޮވިޑް ފެސިލިޓީއަކަށް" މިނިސްޓްރީގެ މުވައްޒަފު ކިޔައިދިނެވެ.
މިނިސްޓްރުގެ މި ކުއްލި ނިންމެވުމުގެ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ނަމަވެސް މި ނިންމުމާއި ގުޅިގެން ހިންމަފުށީ ރީއިންޓެގްރޭޝަން ސެންޓަރުގައި ވަޒީފާ އަދާކުރާ ފާރާތްތައް ތިބީ ނުހަނު ކަންބޮޑުވެފައެވެ. އެ ސެންޓަރުގައި ވަޒީފާއަދާކުރާ އެންމެންނަކީ ހިންމަފުށީގައި ދިރިއުޅޭ މީހުންނެވެ. އެމީހުންގެ ކަންބޮޑުވުމަކީ ހުޅުމާލެއަށް އެ ސެންޓަރު ބަދަލުކުރުމުން އެމީހުންގެ ވަޒީފާއަށް ވާނެ ގޮތެއް ނޭނގޭތީއެވެ.
ރީއިންޓެގްރޭޝަން ސެންޓަރަކީ ވަކި ބޭނުމަކަށް ތައްޔާރުކުރި ސެންޓަރަކަށްވާއިރު އެ ސެންޓަރު އެހެންތަނަކަށް ބަދަލުކުރަން މިނިސްޓަރު ނިންމެވުމުން އެތައް ސުވާލެއް ވަނީ އުފެދިފައެވެ. އެގޮތުން ހުޅުމާލެއަށް މި ސެންޓަރު ބަދަލުކުރުމުން އެ ސެންޓަރުން ހިންގަމުންއައި ޤައުމީ ސަލާމަތާއި ގުޅުންހުރި ޚާއްސަ ޕްރޮގްރާމު އެގޮތުގައި ކުރިއަށް ގޮސްފާނެކަމާމެދު ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ ސުވާލުއުފައްދަން ފަށާފައެވެ.






ރިއެކްޓް