ނާޒިމް ވަކިކުރާ މައްސަލައިގެ ކޮމެޓީ ބައްދަލުވުން މިއަދު ހަވީރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރަށް ބަހުސް ކުރާނެ ވަގުތާއި ޖަވާބުދާރީވާން ދޭނެ ވަގުތު ކަނޑައެޅުމަށްޓަކައި އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި، މެންބަރުންނަށް ދެއްވާނެ ވަގުތުގެ އިތުރުން ނާޒިމަށް ޖަވާބުދާރީވުމަށް ދޭނެ ފުރުސަތުތައް ކަނޑައަޅާނެއެވެ.
ނާޒިމް މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައެވެ. މި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. މަޖިލީހަށް ހުށަހެޅި މި ގަރާރުގައި ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުން ހިމެނެއެވެ.
މީގެ އިތުރުން، މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާ ކަމަށާއި، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. މެންބަރުންގެ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ޖުމްލަ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ 76 މެންބަރުން ތިއްބަވާއިރު، ނާޒިމް ވަކިކުރުމުގެ ގަރާރުގައި މިހާރުވެސް 73 މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.
އަހުމަދު ނާޒިމަކީ 17 ވަނަ މަޖިލީހުގައިވެސް ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ އިންތިޚާބުވީ 80 މެންބަރުންގެ ވޯޓާއެކުގައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 12 ވޯޓެވެ.






ރިއެކްޓް