ގެގް އަމުރު ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި
"އަދަދު" ނޫހުން ޝާއިރުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު ބާތިލުކުރުމަށް އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ފިޔާޒުގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެންނެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ އެމްޖޭއޭއަކީ މި މައްސަލައިގައި ހިމެނޭ ހަސްމަކަށް ނުވާތީ، އެ ޖަމިއްޔާއަށް އިސްތިއުނާފު ކުރުމުގެ ހައްގު ނެތް ކަމަށެވެ. އަދި އެ ހައްގު އޮތީ ސީދާ ފިޔާޒު ނުވަތަ އަދަދުގެ މެނޭޖިން އެޑިޓަރަށް ކަމަށްވެސް ރަޖިސްޓްރާ ކަނޑައަޅުއްވާފައިވެއެވެ.
ކްރިމިނަލް ކޯޓުން މި ގެގް އަމުރު ނެރުނީ ފިޔާޒާއި ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފް ކުރުމުގެ ދައުވާއާ ގުޅިގެންނެވެ. އެ އަމުރުގެ ދަށުން "އަދަދު" ނޫހުގެ ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އޭގައިވާ ވާހަކަތައް ދެއްކުމާއި، މައްސަލައިގެ ހަސްމުންނާ ގުޅޭ ވާހަކަތައް ދެއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، މި އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް ކޯޓުން ވަނީ އިންޒާރު ދީފައެވެ.
މި އަމުރާ ހިލާފުވި ކަމަށް ބަލައި "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިހާރު ވެސް ވަނީ ހުކުމްކޮށްފައެވެ. މިކަމާ ގުޅިގެން އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، މި އަމުރުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.
އެމްޖޭއޭގެ ފަރާތުން ހުށަހެޅި މައްސަލަ ރަޖިސްޓްރާ ބަލައިނުގަތް ނިންމުން މިހާރު ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް، މައްސަލައިގައި ސީދާ ހިމެނޭ ފަރާތެއް ކަމަށްވާ ފިޔާޒުގެ ފަރާތުން ހުށަހެޅި މައްސަލަ މިހާރު ބަލައިގަނެފައިވާތީ، ގެގް އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ހައި ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް