ޚަބަރު , ސިޔާސީ

ސަރުކާރުގެ ތެޔޮބިލު މަހަކު 50 މިލިޔަނުން 116 މިލިޔަން ޑޮލަރަށް ބޮޑުވެއްޖެ

19 މޭ 2026 - 17:58
ސަރުކާރުގެ ތެޔޮބިލު މަހަކު 50 މިލިޔަނުން 116 މިލިޔަން ޑޮލަރަށް ބޮޑުވެއްޖެ
ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ : ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ ދެގުނައަށްވުރެ ބޮޑުވެފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، ހަނގުރާމައިގެ ކުރިން ތެޔޮ އެތެރެކުރުމަށް މަހަކު ހޭދަވަނީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ކަމަށެވެ.

ނަމަވެސް، މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މިދިޔަ މާޗު މަހުން ފެށިގެން ތެޔޮ އެތެރެކުރުމުގެ ޚަރަދު މަހަކު 116 މިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށް އަޙްމަދު ޢަލީ ފާހަގަކުރެއްވިއެވެ. މިއީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު އިގްތިސާދީ ކާރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން އެކަން ފެންނަމުން ނުދާކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް، ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިތުރަށް މީހުން އައްޔަންކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އެލްޖީއޭގެ އަތޮޅު އޮފީސްތައް ކޮންމެ އަތޮޅެއްގައި ހުޅުވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

މި ހާލަތާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ހަމައެއާއެކު، ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގުވެސް ދަނީ ދުވަހުން ދުވަހަށް އުފުލެމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0