އަތޮޅު އޮފީސް ހެދުން ގާނޫނު އަސާސީގެ 8 ވަނަ ބާބާއި ހިލާފް: ސުއޫދު
އަތޮޅު އޮފީސްތައް އަލުން އުފެއްދުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 8 ވަނަ ބާބާ ހިލާފު ކަމެއް ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ، ރައްޔިތުން ދީފައިވާ ބާރުތައް ބޭނުންކުރާއިރު ރައްޔިތުންގެ ބަސް ބޭނުންވާނެ ކަމަށެވެ. އަދި ބާރުތައް އެއްތަނަކަށް މަރުކަޒު ކުރުމާ ދެކޮޅަށް އަތޮޅުތެރޭގެ ރައްޔިތުން ނުކުންނަން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ކައުންސިލްތަކުގެ ހަރަދު ބޮޑުކަމަށް ވިދާޅުވެ، ކައުންސިލަރުންނަށާއި ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، މިހާރު ވަނީ އެ މަސައްކަތްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށަށް ބަދަލުކޮށް، އަތޮޅު އޮފީސްތައް ހިންގަވަން ފައްޓަވާފައެވެ.
މި ނިންމުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ މިއީ ބާރުތައް މުށުތެރެއަށް ޖަމާކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ގާނޫނު އަސާސީގެ 8 ވަނަ ބާބަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުތަކުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑު ސަރަހައްދުތަކުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިހާރުގެ ސަރުކާރަށް އޮތް ރައްޔިތުންގެ ތާއީދު ވަނީ 30 އިންސައްތައަށް ވުރެ ދަށަށް ގޮސްފައެވެ.
މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމަށް އަތުވެދާނެ ލޮޅުންތަކާ މެދު ގާނޫނީ ވަކީލުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.






ރިއެކްޓް