ޚަބަރު , ސިޔާސީ

ރާއްޖެ އޮތް ހާލަތަކީ ރައްޔިތުން ނުކުމެ މާލޫދު ކިޔަންޖެހޭ ފަދަ ހާލަތެއް: މޭޔަރު ނިޒާރު

18 މޭ 2026 - 21:46
ރާއްޖެ އޮތް ހާލަތަކީ ރައްޔިތުން ނުކުމެ މާލޫދު ކިޔަންޖެހޭ ފަދަ ހާލަތެއް: މޭޔަރު ނިޒާރު
ފޮޓޯ : އެމްޑީޕީ

ރާއްޖޭގެ ރައްޔިތުންގެ މިއަދުގެ ހާލަތު ހުރީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށާއި، މިއީ ކުރީގެ ޒަމާންތަކުގައި ރަށްރަށުގައި މާލޫދު ކިޔައި އުޅުނު ފަދަ ދަތި ހާލަތެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު މިއަދު އޮތީ ރައްޔިތުންނަށް ތަހައްމަލު ކުރަން ނުހަނު އުނދަގޫ މަރުހަލާއެއްގައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، "އަޅުގަނޑުމެން އެންމެނަކީ އެވަރެޖު މީހުން، އެކަމަކު އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެނަށްވުރެ ގާބިލު މީހުން ކަންކަމަށް އިސްކުރަން،" ކަމަށެވެ. އެގޮތުން ގައުމީ ފެންވަރުގައި ނިންމުންތައް ނިންމުމަށް އެންމެ އެކަށީގެންވާ ގާބިލު ބޭފުޅުން އިންތިޚާބު ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ސޯބެއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، ސޯބެއަކީ ފާއިތުވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި އައްޑޫ ސިޓީއަށް ގެނައި ތަރައްގީގެ މަޝްރޫއުތަކުގެ އިސް މޭސްތިރިޔާ ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ނުހަނު ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ.

މި ޖަލްސާގައި މޭޔަރު ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ގާބިލު ބޭފުޅުން ހޮވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި އައްޑޫގެ ތަރައްގީއަށްޓަކައި ސޯބެ ފަދަ ތަޖުރިބާކާރު ބޭފުޅުން މަޖިލީހުގައި ތިއްބެވުމުގެ މުހިންމުކަން އޭނާގެ ވާހަކައިގައި ތަކުރާރު ކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0