އިދިކޮޅު ފަރާތްތަކުން އެއްކޮށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ: ފައްޔާޒް
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، ގައުމުގެ ހާލަތު ރަނގަޅުކުރުމަށް އިދިކޮޅު ފަރާތްތަކުން އެއްކޮށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
މި ބައްދަލުވުމަކީ ތިން ރައީސުން ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ "މަގުޗާޓު" އެކުލަވާލުމަށް ބޭއްވި ބައްދަލުވުމެކެވެ. ފައްޔާޒް ވިދާޅުވީ ކުރިއަށްދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އިރާދަފުޅުކުރެއްވިއްޔާ ވަރަށް އަވަހަށް މި ހަރަކާތްތައް ފެށިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ޑެއިލީ އަޕްޑޭޓްސް ނޫސްވެރިންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިއްތިހާދުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ކޮންމެ ރައީސަކު ވަނީ ދެ މަންދޫބުން ކަނޑައަޅުއްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ފައްޔާޒު އިސްމާއީލް އާއި އީވާ އަބްދުالله ބައިވެރިވެވަޑައިގަންނަވާއިރު، ރައީސް ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވަނީ އަހުމަދު ސަލީމް އާއި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ތަމްސީލުކުރައްވަނީ މުހައްމަދު މަލީހު ޖަމާލް އާއި އިސްމާއިލް ޒަރިޔަންދު އެވެ.
މިއީ މި ތިން ރައީސުންގެ މެދުގައި މަޝްވަރާ ކުރުމަށް މިފަދަ ރަސްމީ ކޮމިޓީއެއް އެކުލަަވާލި ފުރަތަމަ ފަހަރެވެ. ނަމަވެސް، މިއީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން އުފެއްދި ކޯލިޝަނެއް ނޫން ކަމަށް ތިން ރައީސުން ވެސް ވަނީ މީގެ ކުރިން ބަޔާންކުރައްވާފައެވެ. މި ކޮމިޓީގެ މައިގަނޑު ބޭނުމަކީ އިސްތިރާޖީ ގޮތުން ހަރަކާތްތައް ރާވައި ހިންގުމެވެ.
ތިން ރައީސުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، ގައުމުގެ މިހާރުގެ ހާލަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމާއި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ހިމެނެއެވެ. އަދި ސިޔާސީ ބޭނުމަށް ނޫސްވެރިންގެ މައްޗަށް ދައުވާކުރުން ހުއްޓާލުމަށް ވެސް އެ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، އިގްތިސާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކާއި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާ މައްސަލަވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުގެ އިސްރާފު ބޮޑުވެ، ކޮރަޕްޝަން އިތުރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރާއްޖޭގެ ޑިމޮކްރެސީ ހަމަމަގަށް އެޅުވުމަށް ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ތިން ރައީސުން އެއްބަސްވެވަޑައިގަންނަވައެވެ.






ރިއެކްޓް