ތިން ރައީސުން އެކުގައި ނުކުންނެވުމަކީ ވަރަށް ބޮޑު އުއްމީދެއް ލިބިގެންދިޔަ ކަމެއް: ފައްޔާޒް
ރައީސް މުޢިއްޒުގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހައްދަވަމުންދާ ކަމަށް ބުނެ، ރާއްޖޭގެ ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވިރާސީ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނުކުންނަވައި، ރާއްޖެއަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ.
ޤައުމުގެ ކަންކަން ގޯހުން ގޯހަށް ދަމުންދާ ދަނޑިވަޅެއްގައި، ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސްކޮށް އުޅުއްވި ތިން ލީޑަރުން އެކުގައި ބަސްވިދާޅުވާން ފެއްޓެވުމަކީ ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
"މި ޤައުމުގެ ހުރިހާ ކަމެއް މި ދަނީ ގޯހުން ގޯހަށް. އެހެން އޮތް ދުވަސްވަރެއްގައި ޚިޔާލު ތަފާތުވުންތައް ހުރި،(މި) ޤައުމުގައި ޑިމޮކްރަސީ، ދިވެހިރާއްޖެއަށް އައި ފަހުން އެ މަސައްކަތްކުރެއްވި ތިން ވަރުގަދަ ލީޑަރުން ނިކުންނަވައި، މި ކަންކަމަށް ބަސް ވިދާޅުވެ، އަދި މި ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރެވެން ނިންމެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުއްމީދެއް ލިބިގެންދިޔަ ކަމެއް،" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ފައްޔާޒް އިތުރަށް ވިދާޅުވީ، މި ތިން ރައީސުންގެ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.






ރިއެކްޓް