މީދޫ ކައުންސިލް ރައީސްގެ އިތުރުބުރުގެ ވޯޓުލުން ޖޫން 13ގައި
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް 393 ވޯޓު ލިބިވަޑައިގަތްއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ވޯޓުތައް އަލުން ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލް ކުރުމަށް އީސީން ނިންމިއެވެ. އެ ނިންމުމާއެކު ޝާހިދު އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ކަނޑައެޅުނެވެ.
އީސީގެ އެ ނިންމުން ސުހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ބާތިލް ކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. ހައި ކޯޓުން ފާހަގަކުރި ގޮތުގައި އެ ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެއީ ކާކަށް ދިން ވޯޓެއްކަން ސާފުކޮށް އެނގެން އޮތުމުން އެއީ ސައްހަ ވޯޓެކެވެ. ނަމަވެސް ބާތިލް ކުރި ދެވަނަ ވޯޓުގައި އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ކޯޓުން ވެސް ވަނީ ނިންމާފައެވެ.
ކޯޓުގެ ހުކުމާ ގުޅިގެން ނަތީޖާ އަލުން ތަރުތީބު ކުރުމުން، ދެ ކެންޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 392 ވޯޓެވެ. ނަތީޖާ އެއްވަރުވުމާ ގުޅިގެން އީސީން މިއަދު އިއުލާން ކުރީ ޖޫން 13 ވާ ހޮނިހިރު ދުވަހު އިތުރުބުރެއް ބޭއްވުމަށެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.






ރިއެކްޓް