ސިޔާސީ , ޚަބަރު

އެމްޑީޕީގެ ރައީސް ނިވާފަތްގަނޑެއްގައި: ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޝާހިދު ނުފެނުމުގެ ކަންބޮޑުވުން

16 މޭ 2026 - 11:40
އެމްޑީޕީގެ ރައީސް ނިވާފަތްގަނޑެއްގައި: ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޝާހިދު ނުފެނުމުގެ ކަންބޮޑުވުން

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ އިންސްޓިޓިއުޓްގެ ގޮތުގައި ބެލެވޭ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ. ނަމަވެސް، ރާއްޖޭގެ ސިޔާސީ މަޝްރަހު އިންތިހާއަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަމަލީ ގޮތުން ފެނިގެން ނުދާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނޫސްވެރިން ޖަލަށްލައި، ހިޔާލު ފާޅުކުރުމަށް މަގުމައްޗަށް ނުކުންނަ އާންމު ރައްޔިތުން ކޮންމެ ދުވަހަކު ހައްޔަރުކުރަމުންދާ މި ދަތި އުނދަގޫ ދުވަސްތަކުގައި، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އިސްވެރިޔާގެ ދައުރާމެދު ވަނީ ސުވާލު އުފެދިފައެވެ.

ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުން، މީގެ ކުރިން ދުވަހަކުވެސް އެކުގައި މަސައްކަތް ކުރައްވާފައި ނުވާ ތިން ރައީސުން ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. ގައުމުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ބޭފުޅުން ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ އަހުދުނާމާއެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް މިފަދަ މުހިންމު ސިޔާސީ ހަރަކާތްތަކުން ވެސް އެމްޑީޕީގެ ރައީސް ފެނިގެން ގޮސްފައި ނުވެއެވެ.

އާންމުންނާއި ޕާޓީގެ މެންބަރުންގެ މެދުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ "އަބްދުﷲ ޝާހިދު ކޮބައިތޯ؟"އެވެ. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސޯޝަލް މީޑިއާގައި ޓުވީޓެއް ކޮށްލުން ފިޔަވައި، އަމަލީ އެއްވެސް ހަރަކާތަކުން އެމަނިކުފާނު ފެންނަމުން ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޕާޓީގެ ސިޔާސީ އެންމެ އިސް މަގާމުގައި ހުންނަވައި، ގައުމަށް ދިމާވެފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާ ތަނެއް ނުފެނުމަކީ އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި އޮތް ބޮޑު ޝަކުވާއެކެވެ. ޝާހިދު ހުންނެވީ ސިޔާސީ ނިވާފަތްގަނޑެއްގެ ފަހަތުގައި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0