ސިޔާސީ , ޚަބަރު

ދައުރު ތެރޭ ހިނގާ މަރުތަކުގެ ޒިންމާ ރައީސް ނަގަން ނުޖެހޭނެ: ޔާމީން

16 މޭ 2026 - 09:42
ދައުރު ތެރޭ ހިނގާ މަރުތަކުގެ ޒިންމާ ރައީސް ނަގަން ނުޖެހޭނެ: ޔާމީން

ވެރިކަމެއްގެ ދައުރު ތެރޭ ހިނގާ މަރުތަކުގެ ޒިންމާ އެއިރެއްގައި ހުންނަވާ ރައީސަކު އަމިއްލަފުޅަށް ނަންގަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހަނިކުރުމަށް ރައީސް މުއިއްޒު އަޅުއްވާ ހަރުކަށި ފިޔަވަޅުތަކާއި ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެ، ކުރީގެ ތިން ރައީސުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ "ތި ގެންނަވަނީ ލޯޑަޑް ވާހަކައެއް. އެކި ސަރުކާރުގައި މީހުން މަރުވުމަކީ އެ ސަރުކާރުގެ ރައީސްކަން ކުރާ މީހާ ޒިންމާ އުފުލަން ޖެހޭ ކަމެއް ނޫން. އެބަހުއްޓޭ މީހުން މަރުވެފައި،"ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، މަރުގެ މައްސަލަތަކެއް އުޅޭ ނަމަ ރައްޔިތުން ބަލަން ޖެހޭނީ ރައީސަކަށް ހުންނަ މީހާ އެކަން ތަހުގީގު ކުރަން މުއައްސަސާތަކަށް ހަވާލުކުރިތޯ ކަމަށެވެ. އަދި ފުލުހުން މަސައްކަތް ނުކުރާ ނަމަ ރައްޔިތުންގެ މަޖިލިހުން އެ މުއައްސަސާ ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި، ރާއްޖޭގައި އޮންނަ ނިޒާމުގެ ތެރެއިން އެކަންކަން ހިނގަން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިލްވާންގެ މައްސަލައާއި އެހެން މަރުގެ މައްސަލަތަކުގެ ތަހުގީގު ފެށީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި، ނަމަވެސް ތަހުގީގު ނުނިމި އުޅެނިކޮށް ވެރިކަމުން ވަކިވާން ޖެހުނީ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެއްވެސް ތަހުގީގެއް ހުއްޓުވާފައި އޮތްތޯ ނޫސްވެރިން ބަލަން ޖެހޭނެ ކަމަށާއި، މިހާރުގެ ސަރުކާރުގައި އެއްވެސް މަރެއްގެ ތަހުގީގެއް ފެށިފައި ނުވާ ކަމަށް ވިދާޅުވެ އެއީ މުއައްސަސާތަކުގެ ފެއިލްވުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ނިންމަވާލައްވަމުން ޔާމީން ވިދާޅުވީ، އެއްވެސް ރައީސަކު އެބޭފުޅެއްގެ ވެރިކަމެއްގައި ހިނގާފައިވާ މަރެއްގެ ތަހުގީގު ނުނިމި އޮންނާކަށް ބޭނުން ނުވާނެ ކަމަށެވެ. މަރުގެ މައްސަލަތައް ބެލުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި، އެއީ ހަމައެކަނި ރައީސަކަށް އަމާޒުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0