އަދީބުގެ އަދަބު ލުއި ކުރީ ގާނޫނީ އިމުގެ ތެރެއިން: އިބޫ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޖަލު ހުކުމް ލުއިކޮށް ދެއްވައި މިނިވަންކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށް، އިބޫ އޭނާއަށް މާފު ދެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ވެރިކަމުގެ ފަހު ދުވަސްކޮޅުގައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ޖަލުގައި ތިބޭ މީހުންގެ ހުކުމްތަކަށް ލުއި ހޯދުމަށް އޭރެއްގައި ތިއްބަވާ ވެރިންނާ ހަމައަށް މައްސަލަތައް އަންނަ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވެސް އެފަދަ އެތައް މައްސަލައެއް އައި ފަދައިން، އެހެން ވެރިންނަށް ވެސް އެފަދަ އިލްތިމާސްތައް ލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދީބަށް ލުއި ދެއްވި ސަބަބާ ގުޅޭގޮތުން އިބޫ ވިދާޅުވީ، "އަދީބުގެ މައްސަލައިގައި ވެސް އަޅުގަނޑު ކޮށްފައި ހުންނާނީ ގާނޫނީ އިމުގެ ތެރެއިން. ފުރަތަމަ ބެލީ އެ ހުކުމުގެ ތެރެއިން އަދަބު ލުއިކޮށްދިނުމަށް ބޭނުންވާ ވަރަށް ތަންފީޒުކޮށްފައި އޮތްތޯ. އެއަށް ފަހު ކަރެކްޝަންސް ދެކޭ ގޮތާއި އެ ތަނުން ލުއި ދިނުމުގައި ކަމެއް ކުރެވެން އެބައޮތްތޯ،" ކަމަށެވެ. އަދި ކަރެކްޝަންސްއިން ފޮނުވި ލިޔުމުގައި ހުކުމް ތަންފީޒުކޮށްފައިވާ މިންވަރަށް ބަލައި ލުއި ދިނުމުގެ ފުރުސަތު އޮތް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަދީބުގެ ސިއްހީ މައްސަލަތަކެއް ވެސް ހުރިކަން އިބޫ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ލުއި ދެއްވީ ހަމައެކަނި ޖިނާއީ މައްސަލައަށް ކަމަށާއި، ހިޔާނާތުގެ ފައިސާ ހޯދުމުގެ މަދަނީ ބައި އަދިވެސް އޮތް ކަމަށެވެ. "އޭގެ އެއް ފަޅިއަކީ މި ދެންނެވިހެން ގެއްލުނު ފައިސާ ހޯދުމުގެ ބައި. އެހެންވީމަ އެކަން ކުރިއަށް ގެންދަންވީ މިހާރު ވެސް،" އިބޫ ވިދާޅުވިއެވެ.
ރޭ އަދީބު ސޯޝަލް މީޑިއާގައި ތިން ރައީސުން އެކުގައި ތިއްބެވި ފޮޓޯއެއް ހިއްސާ ކުރައްވަމުން، ބުނެފައި ވަނީ އެ ބޭފުޅުންނާ ބެހޭގޮތުން ދައްކާލަން "ލައްކަ ގިނަ ވާހަކަ" އެބަހުރި ކަމަށެވެ.






ރިއެކްޓް