ޖަލަށް ލާފައިވާ ނޫސްވެރިން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ތިން ރައީސުން ގޮވާލައްވައިފި
ރައީސް މުޢިއްޒުއާއި ލައިވް ޓީވީގައި ސުވާލެއް ކޮށްގެން ކުށްްވެރިވާކަމަށް ކަނޑައަޅައި ޖަލަށް ލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އާއި ކޯޓުއަމުރަކާއި ބެހޭ ހަބަރެއް ލިޔެގެން ކުށްވެރިވެ ޖަލަށް ލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން "ވަގުތުން ވަގުތަށް" ދޫކޮށްލުމަށްް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޔާމީން އަދި ރައީސް ސޯލިހު ގޮވާލައްވައިފިއެވެ.
މި ތިން ބޭފުޅުން މިފަދައިން ގޮވާލެއްވީ ތިން ބޭފުޅުން ސޮއިކުރައްވައި މިރޭ ނެރުއްވި ބަޔާނެއްގައެވެ.
މި ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ޤަނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަނެފައިވާ ކަމަށާއި ޝަރުޢީ ކޯޓުތަކަށް ނުފޫޒުފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާކަމަށް ބުނެފައިވެއެވެ.
އަދި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި، ނޫސްވެރިން ޖަލަށް ލުމުގެ އިތުރުން ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގްތިޞާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާކަމަށް ސިފަކުރަމުން ބުނެފައިވަނީ ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިއުމާއެކު ގައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުނ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.






ރިއެކްޓް