ޚަބަރު , ލައިފްސްޓައިލް

ރަނުގެ އަގު އިންތިހާއަށް އުފުލިއްޖެ، މިވަގުތު ރަން ނުގަނޭ

15 މޭ 2026 - 18:39
ރަނުގެ އަގު އިންތިހާއަށް އުފުލިއްޖެ، މިވަގުތު ރަން ނުގަނޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މާކެޓް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިހާރު ރަނުގެ އަގު ވަނީ އާދައިގެ މިންވަރަށްވުރެ ދެގުނަ ބޮޑުވެފައެވެ.

މި ދަނޑިވަޅަކީ ރަނުގެ އަގު އާދަޔާ ހިލާފަށް މަތިވެފައިވާ ވަގުތަކަށް ވާތީ، ރައްކާކުރުމުގެ ގޮތުންވެސް ރަން ގަތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް މާހިރުން ލަފާދެއެވެ. ރަނުގެ އަގު ދަށްވާން ފަށައިފިނަމަ، މިހާރު ބޮޑު އަގުގައި ރަން ގަންނަ ފަރާތްތަކަށް މުސްތަގުބަލުގައި ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންވެސް ދަނީ މިވަގުތު ރަން ނުގަތުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. މިއީ މާލީ ގޮތުން ބޮޑު ރިސްކެއް އޮތް ކަމެއްގެ ގޮތުގައި ގައުމުތަކުގެ އިގްތިސާދީ އިދާރާތަކުން ފާހަގަކުރެއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ހައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު ގިނަ އަދަދެއްގެ ދިވެހިން ހަދިޔާގެ ގޮތުގައި ރަން ގަތުމަކީ އާންމު ކަމެކެވެ. ނަމަވެސް، މި ވަގުތަކީ ރަނުގެ އަގު އިންތިހާއަށް ބޮޑު ވަގުތަކަށް ވާތީ، މިވަގުތު ރަން ނުގަތުމަކީ ބުއްދިވެރި ގޮތެކެވެ. ރަން ގަތުމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ހޭދަވާތީ، މީގެ ސަބަބުން ރާއްޖޭގެ ބާޒާރުން ބޭރުވާ ޑޮލަރު އިތުރުވެ، ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

އެހެންކަމުން، އަމިއްލަ މާލީ ރައްކާތެރިކަމަށާއި ގައުމީ އިގްތިސާދަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ރަނުގެ އަގުތައް ހަމައަކަށް އެޅެންދެން ރަން ގަތުން މަޑުޖައްސާލުމަށް ކަމާބެހޭ ފަރާތްތަކުން ލަފާދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0