ނޫސްވެރިންގެ އިހުތިޖާޖު ފުލުހުން ހުއްޓުވައިފި
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ނުހައްގުން ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި މިއަދު ހަވީރު ކުރި ސުލްހަވެރި އިހުތިޖާޖަށް ފުލުހުން ހުރަސްއަޅައި އެ ހަރަކާތް ހުއްޓުވައިފިއެވެ.
ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މި އިހުތިޖާޖަކީ "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރ" އާ ހިލާފުވި ކަމަށް ބުނެ ޖަލަށްލާފައިވާ ޝަހުޒާން އާއި ލީވާން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 20 އަކަށް ނޫސްވެރިން ބައިވެރިވި މި ސުލްހަވެރި އިހުތިޖާޖު ހުއްޓުވުމަށްޓަކައި އެސްއޯ ފުލުހުންގެ 80 އެއްހާ އޮފިސަރުން އެ ސަރަހައްދަށް ދިޔައެވެ. ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުން ދުރުކޮށް، ހަރަކާތް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅާފައެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.






ރިއެކްޓް