ސިޔާސީ , ޚަބަރު

އެސްއޯއީތަކުގެ މުވައްޒަފުންނަށް ޕީއެންސީ ޖަލްސާއަށް ދާން މަޖުބޫރުކުރަނީ

14 މޭ 2026 - 15:33
އެސްއޯއީތަކުގެ މުވައްޒަފުންނަށް ޕީއެންސީ ޖަލްސާއަށް ދާން މަޖުބޫރުކުރަނީ
ވެމްކޯގެ މެނޭޖިންހގ ޑިރެކްޓަރ އެކުންފުނީގެ މުވައްޒަފުންތަކަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ވެމްކޯ

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާއަށް ހާޒިރުވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެއްޖެއެވެ.

މިރޭގެ ޖަލްސާއަށް މަދުވެގެން 3000 މީހުން ހަމަކުރުމަށް ޕީއެންސީން އަމާޒު ހިފާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިރޭގެ ޖަލްސާއަކީ ޕީއެންސީގެ ސަރުކާރަށް ލިބެމުންދާ ބޮޑެތި ކާމިޔާބީތައްް ފާހަގަކުރުމަށް ބައްވާ ޖަލްސާއެއް ކަމަށާއި އޭގެ ތެރޭގައި މަޖިލިސް ނާއިބުރައީސް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމާއި ސަރުކާރާއި ދެކޮޅު ނޫސްވެރިން ޖަލަށް ލެވުން ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް އެސްއޯއީތަކުގައި މިހާރު ދަނީ ޖަލްސާއަށް ދާނެ މުވައްޒަފުންގެ ލިސްޓުތައް ތައްޔާރުކުރަމުންނެވެ. އަދި ޖަލްސާ އޮންނަ ވަގުތު މުވައްޒަފުންގެ ހާޒިރީ ބަލާނެ ކަމަށްވެސް ކުންފުނިތަކުން ވަނީ އަންގާފައެވެ. މިއީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކަށް ނެރުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށްވެސް މިރޭގެ ޖަލްސާއަށް ދިއުމަށް ވަނީ އަންގާފައެވެ. އަދި ޖަލްސާ ކުރިއަށްދާ ވަގުތު އާޓިފިޝަލް ބީޗް ސަރަހައްދުގައި މަޑުނުކޮށް، ސީދާ ޖަލްސާގެ ތެރެއަށް ވަނުމަށްވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިންޓަ ޑިޕާޓްމެންޓް މުބާރާތުގައި މިރޭ ކުޅުމަށް ކުރިން ތާވަލުކޮށްފައި އޮތް ސެމީ ފައިނަލް މެޗުވެސް ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އެންގުމަކަށް މިއަދު ހަވީރަށް ބަދަލުކޮށްފައެވެ. މިއީ މުވައްޒަފުންނަށް މިރޭގެ ޖަލްސާއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

އެސްއޯއީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕީއެންސީގެ ޖަލްސާތަކަށް ހާޒިރުވާން މަޖުބޫރުކުރުމަކީ މި ފަހަކަށް އައިސް ތަކުރާރުވަމުންދާ ކަމެއްކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވީ ނަމަވެސް، ވަޒީފާގެ ބިރަށްޓަކައި ގިނަ މުވައްޒަފުންނަށް ވަނީ ޖަލްސާތަކަށް ދާން މަޖުބޫރުވެއެވެ.

އެސްއޯއީ ތަކުގެ މުވައްޒަފުނގެ އިތުރުން މަޖިލިސް މެންބަރުންނާއި މިނިސްޓަރުން އަދި މިނިސްޓަރު ލެވެލުގެ މަޤާމުގައި ތިއްބެވި ބޭފުޅުނުންނާއި ސިޔާސީ މަޤާމްތަކުގައި ތިއްްބެވި ފަރާތްތަކުންވެސް މިރޭގެ ޖަލްސާއަށް އައުން މަޖުބޫރުކަމަށް ޕީއެންސީގެ އެކްޓިވިސްޓުންގެ ވަޓްސްއެޕް ގްރޫޕެއްގައި "ސީނިއަރ އެކޓިވިސްޓެއް" ބުނެފައިވާކަން ފާހަގަކުރެވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0