ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރަން އެމްޖޭއޭއިން ހައި ކޯޓަށް ހުށަހަޅައިފި
ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންގެ މައްޗަށް ނެރެފައިވާ 'ގެގް އޯޑާ'ގެ އަމުރު އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހިރާއްޖޭގެ ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ އިސްތިއުނާފު ކުރަން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ އެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ އެ އަމުރަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި، 28 ވަނަ މާއްދާ އަދި 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް އިންތިހާއަށް ހަނިވާ ގޮތަށް ނެރެފައިވާ އަމުރެކެވެ. މި މާއްދާތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ މާއްދާތަކެވެ.
މި މައްސަލާގައި ހައި ކޯޓުގައި އެމްޖޭއޭ ތަމްސީލުކުރުމަށް ލީޑް ކައުންސެލްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގާނޫނީ ވަކީލު އަލްއުސްތާޛު ހަސަން ފަލާހު އެވެ. އެ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، މައްސަލަ ރެޖިސްޓަރީ ވުމާއެކު ލީގަލް ޓީމުގައި ހިމެނޭ ގިނަ ވަކީލުންތަކެއް އެމްޖޭއޭ ތަމްސީލުކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ އަދި މި މައްސަލައަށް ތަދައްހުލްވާން ބޭނުންވާ އެންމެހާ ފަރާތްތަކުން މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޖޭއޭއިން ވަނީ ބާރުއަޅާފަ އެވެ.
ކްރިމިނަލް ކޯޓުން ވަނީ 'އައިޝާ' ޑޮކިއުމެންޓަރީގެ ވާހަކަ ނުދައްކަން ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އަދި މި އަމުރާ ހިލާފުވިކަމަށްބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިންވަނީ ޖަލަށްވެސް ލާފަ އެވެ.






ރިއެކްޓް