ޚަބަރު

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ބިލު މަޖިލީހުން ފާސްކޮށްފި

14 މޭ 2026 - 13:40
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ބިލު މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަންތަކާއި ގުނަވަންތަކުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީ އެންމެނަށް ވާސިލްވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމެވެ. މި ބިލު ޤާނޫނަކަށް ވުމުން، ގުނަވަން ބަދަލުކުރުމުގެ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް ނުވަތަ ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ. ގުނަވަން ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ބުއްދި ސަލާމަތުން ހުރި، އަދި އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހޭ ދިވެހި ރައްޔިތުންނަށް އެކަނި ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ޤާނޫނު ތަންފީޒުވާން ފެށުމާއެކު، 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފައްދާނެއެވެ. މި ކައުންސިލުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓްރާންސްޕްލާންޓް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި، ޝަރުތުތައް ފުރިހަމަވޭތޯ ބެލުމުގެ އިތުރުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހިމެނެއެވެ.

މީގެ އިތުރުން، ގުނަވަން ބަދަލުކުރުމުގެ ކަންކަމަށް ވަކިވަކިން ހުއްދަ ދިނުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ"އެއްވެސް އުފެއްދުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މި ކޮމިޓީއަކީ ޓްރާންސްޕްލާންޓް ކުރުމުގެ އަމަލީ މަސައްކަތަށް ހުއްދަ ދޭނެ ފަރާތެވެ.

މަޖިލީހުން ފާސްކުރި މި ބިލު ޤާނޫނަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0