ޚަބަރު , ސިޔާސީ

ހައްޔަރުކޮށް ޖަލަށްލާފާނެތީ އޮންނަ ބިރުވެރިކަމަކަށް ދެން ދިވެހިން ފަހަތަކަށް ނުޖެއްސޭނެ: ފައްޔާޒް

14 މޭ 2026 - 13:15
ހައްޔަރުކޮށް ޖަލަށްލާފާނެތީ އޮންނަ ބިރުވެރިކަމަކަށް ދެން ދިވެހިން ފަހަތަކަށް ނުޖެއްސޭނެ: ފައްޔާޒް

މީހުން ހައްޔަރުކޮށް ޖަލަށްލާނެ ކަމުގެ ބިރު ދައްކައިގެން ދިވެހި ރައްޔިތުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން އަޒުމް އިތުރަށް ވަރުގަދަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ރޭ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ކުރި މުޒާހަރާގެ ތެރެއިން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހަރަކާތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ ރޭ ހައްޔަރުކުރި މީހުންގެ ނަންތައް ހާމަކުރައްވައި، އެ މީހުންގެ ހިތްވަރަށް ސާބަސް ދެއްވާފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވަގުތުން މިނިވަންކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ފައްޔާޒު ވިދާޅުވީ "ހައްޔަރުކޮށް، ޖަލަށް ލާނެ ކަމުގެ ބިރު ދައްކައިގެން ދިވެހިން ފަހަތަކަށް ނުޖެއްސޭނެ" ކަމަށެވެ. އަދި "އަޅުގަނޑުމެންގެ 10 މީހުން ޖަލަށް ލުމަކީ 'މި ހުދުމުހުތާރު ވެރިޔާ'ގެ ކުރިމަތީގައި އަޅުގަނޑުމެންގެ އަޒުމް އިތުރަށް ވަރުގަދަ ވާނެ ކަމެއް" ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާންގެ ހިތްވަރު ބޭކާރު ނުވާނެ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ އެ ނޫސްވެރިންނަށް ތައުރީފު ކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުން ނޫސްވެރިންނަށާއި ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0