މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ދަންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މާދަމާ ނިމޭނެ ނަމަވެސް، މި މަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މޭ 31 އާ ހަމައަށް ދަންމާލަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވީ މިއަދުގެ ޖަލްސާގައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިގޮތަށް ހުށަހެޅުއްވީ މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށެވެ.
މަޖިލީހުގެ ދައުރު ދަންމާލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވަނީ ދައުރު ދަންމާލުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގައި މިހާރު ހުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސައިބާ ސެކިއުރިޓީ ބިލާއި، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި، ވަތަނީ ހިދުމަތުގެ ބިލުގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
މީގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަކީ ވެސް މި ދައުރުގެ ތެރޭގައި ނިންމަން ހުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.






ރިއެކްޓް