ސިޔާސީ , ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ހުށަހަޅައިފި

14 މޭ 2026 - 12:04
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މަޖިލީހުގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނާޒިމް ވަކިކުރުމުގެ ގަރާރު ލިބިފައިވާ ކަމަށާއި، މި މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ، އޭނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައެވެ. މި ގަރާރު ހުށަހެޅުމަށް ޕީއެންސީގެ 40 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަދުވެގެން 24 މެމްބަރުންގެ ސޮޔާއެކުގައެވެ.

މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން، ޖަވާބުދާރީވުމަށް 15 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި އޭނާ މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 74 މެމްބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނެވެ.

ނާޒިމްއާ މެދު ނުތަނަވަސްކަން އުފެދުނީ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލުމާ ގުޅިގެންނެވެ. އެ ގްރޫޕްގެ އެޑްމިނަކީ ރައީސް މުއިއްޒެވެ. މީގެ ކުރިން ނާޒިމް ވަނީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށްފައެވެ. ނަމަވެސް ނާޒިމް ވިދާޅުވެފައިވަނީ އެ ކޮމިޓީތަކުން ވަކިވީ އަމިއްލަ ކަންތައްތަކަކާއި ބައެއް ބައްދަލުވުންތަކަށް ވަގުތު ދެއްވުމަށް އޭނާ އަމިއްލައަށް އެދިވަޑައިގެން ކަމަށެވެ.

ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، މީގެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް އެފަދަ ކަމެއް ކުރަން އުޅޭ ކަމުގެ އަޑުތައް ދޮގުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް މިހާރު މިވަނީ ރަސްމީކޮށް އެ މައްސަލަ މަޖިލީހަށް ވައްދާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0