ޚަބަރު , ސިޔާސީ

އުފާފާޅުކުރުމަށް 3000 މީހުންނާއެކު ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވަނީ

13 މޭ 2026 - 18:24
އުފާފާޅުކުރުމަށް 3000 މީހުންނާއެކު ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވަނީ

ސަރުކާރަށް ލިބެމުންދާ ކާމިޔާބުތަކުގެ އުފާފާޅުކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) އިން 3000 މީހުންނާއެކު ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމުގެ ނަމުގައި ބާއްވާ ޚާއްޞަ މިޖަލްސާ އޮންނާނީ އެޕާޓީގެ މައި ހަރުގޭގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަކީ ރަސްމީ ސަބަބުކަމަށް ބުނެފައިވީނަމަވެސް އަސްލު ހަގީގީ ސަބަބު ތަކަކީ ނޫސްވެރިންނާ ދެކޮޅަށް ޕީއެންސީ ސަރުކާރުން ކުރާ މަސައްކަތުގައި ކާމިޔާބުތަކެއް ލިބުމާއި މަޖިލީހުގެ ނާއިބުރައީސް އަހުމަދު ނާޒިމު އެމަޤާމުން ދުރުކުރުމުގެ މަސައްކަތް ފެށުން ހިމެނޭކަމަށްް ޕީއެންސީގެ އިސް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.

ގިނަ ބަޔަކު ސަރުކާރަށް ތާއީދު ކުރާކަން ދެއްކުމަށް މި ޖަލްސާއަށް މީހުން ގިނަކުރުމުގެ ގޮތުން ކޮންމެ މަޖިލިސް މެންބަރަކު މަދުވެގެން 15 މީހުން ގެނައުމަށް ވަނީ އަންގާފައެވެ، އަދި މި 15 މީހުންގެ ލިސްޓް މާދަމާ މެންދުރު 14:00 ގެ ކުރިން ޕާޓީ އޮފީހަށް ފޮނުވުމަށް އަންގާފައިވާކަން  "ވިރާސީ" އަށް ވަނީ ކަށަވަރުވެފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލް އިން 200 މުވައްޒަފުން، އާރުޑީސީ އިން 250 މުވައްޒަފުން، ވެމްކޯއިން 250، އެމްޓީސީސީ އިން 250 މުވައްޒަފުން ޖަލްސާއަށް ގެނައުމަށް ވަނީ އަނގާފައެވެ.  މިޖަލްސާގަ ބައިވެރިކުރުމަށް މި ކުންފުނިތަކުގެ ވެރިންނަށް ވެސް ވަނީ އަންގާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ކުންފުނިތަކުން މި އަދަދަށް މީހުން ދޭތޯ ބަލަން ހާޒިރީ ބެލުމަށްވެސް ވަނީ ނިންމާފައެވެ. 
މީގެ އިތުރުން ސަރުކާރުގެ 14 މިނިސްޓްރީ ތަކުން 140 މުވައްޒަފުން ބައިވެރިކުރުމަށް ވަނީ އަންގާއެވެ، އެއީ ކޮންމް މިނިސްޓްރީ އަކުން 10 މީހުންނެވެ. އަދި މީގެ އިތުރުން ސަރުކާރުގެ "700 ސިޔާސީ މުވައްޒަފުން" ވެސް މި ޖަލްސާއަށް ހާޒިވުމަށް އަންގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޕީއެންސީ ހަރުގޭގައި މިއެންމެންނަށް ތިބެވޭނެ ޖާގަ ނުހުންނާނެތީ ހަރުގެ ހުންނަ އާޓިފިޝަލް ބީޗު ސަރަހައްދު ތައްޔާރު ކުރުމުގެ އިންތިޒާމްވެސް ހަމަޖެއްސުމަށް ޕާޓީގެ ލީޑާޝިޕުން ޕާޓީގެ އޮފީހަށް އަންގާފައިވާކަމަށް ވެއެވެ.

ފާހަނގަކޮއްލެވޭ ގޮތުގައި ޕީއެެންސީއިން މާދަމާރޭ ބޮޑު ޖަލްސާއެއް ބާއްވާ އިރު އާޓިފިޝަލް ބީޗްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމްގެ "ޓީމް އިތުބާރު" ގެ ޖަލްސާއެއްވެސް ބާއްވަން ވަނީ ހަމަޖެހިފައެެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0