ހައިކޯޓުގެ ނިންމުމާއެކު ވޭވަށު ކައުންސިލުގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ
ހައިކޯޓުގެ ނިންމުމެއްގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވ. ވޭވަށު ކައުންސިލް މެންބަރުކަން ކާމިޔާބުކުރި އަހުސަން ނަޢީމަށް އެ ގޮނޑި ގެއްލިއްޖެއެވެ.
ވޯޓުކަރުދާސް ޕްރިންޓުކުރިއިރު "ދެލިތަކެއް" ހޭކިފައި ހުރުމުން 3 ވޯޓުކަރުދާހެއް ބާތިލުކަމަށް ހައިކޯޓުން ނިންމާފައިވާއިރު އެ 3 ކަރުދާހުގައިވެސް ކައުންސިލް މެންބަރުކަމަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަހުސަން ނަޢީމަށެވެ. މި ތިން ކަރުދާސް ބާތިލުކުރުމުން 1 ވޯޓުގެ ތަފާތުން އެ ގޮނޑި ކާމިޔާބުވާނީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު ނަޒީހަށެވެ. މިމައްސަލަ ހައިކޯޓަށް ހުށަހެޅީވެސް މުހައްމަދު ނަޒީހުއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި އިސްފަނޑިޔާރުކަން ކުރެއްވީ ފަނޑިޔާރު މުހައްމަދު ޝަނީޒު އެވެ. މައްސަލަ ނިމިގެން ދިޔައީ ފަނޑިޔާރު ޝަނީޒުގެ ރަޢުޔަށް ފަނޑިޔާރު އަބްދުއްރައޫފު ތާއީދުކުރެއްވުމުން ބެންޗުގެ އަޢުލަބިއްޔަތުންނެވެ.
އިލެކްޝަނުން ޢާއްމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު އަހުސަން ނަޢީމު މި އިންތިޚާބު ކާމިޔާބު ކުރެއްވީ މުހައްމަދު ނަޒީހަށްވުރެ 2 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. ހައިކޯޓުގެ މިނިންމުމުގެ ސަބަބުން ވޭވަށު ކައުންސިލުގައި ދެން ތިބޭނީ އެމްޑީޕީއަށް ނިސްބަތްވާ އެއް މެންބަރުންނާއި ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރެކެވެ.






ރިއެކްޓް