ސިޔާސީ , ޚަބަރު

ޕީއެންސީގެ އެތެރޭގެ މަސްލަހަތު ގޯސްވެ މުހިންމު ދެ ކޮމިޓީއެއްވެސް ކެންސަލް

13 މޭ 2026 - 12:54
ޕީއެންސީގެ އެތެރޭގެ މަސްލަހަތު ގޯސްވެ މުހިންމު ދެ ކޮމިޓީއެއްވެސް ކެންސަލް
މެމްބަރު ނާޒިމް މީގެ ކުރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި، ފޮޓޯ: މަޖިލިސް

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އިތުރުން މުހިންމު ދެ ކޮމިޓީއެއްގެ ބައްދަލުވުން ވެސް ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި މިއަދު ބޭއްވުމަށް ތާވަލުކުރި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.

މިއަދު ހެނދުނު 10:30 އަށް ތާވަލުކުރި 241 ކޮމިޓީން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި، ސަލާމަތީ ބާރުތަކުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގެ މައްސަލައާއި ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ހިމެނެއެވެ. އަދި މާލިއްޔަތު ކޮމިޓީން ބަލަމުންދިޔައީ މާލޭ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކުގެ މައްސަލައާއި ސަރުކާރުގެ މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓުތައް ލަސްވާ މައްސަލައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވީ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރިޔާސަތުގައި އިންނެވުމުން ޕީއެންސީގެ މެންބަރުން ތަޅުމަށް ވަދެވަޑައިނުގަތުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް މިއަދު ވަނީ ބޭރުކޮށްލާފައެވެ.

އެ ގްރޫޕުގެ ހަމައެކަނި އެޑްމިން އަކީ ރައީސް މުއިއްޒު ކަމަށްވާއިރު، ނާޒިމް ބޭރުކޮށްލައިފައި ވަނީ ނާޒިމަށް "ރައީސް މުއިއްޒު ނާޒިމަށް އިތުބާރު ނުކުރާތީ" ކަމަށް ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް މުއިއްޒުގެ ގާތްބޭފުޅަކު ވަނީ "ވިރާސީ" އަށް މައުލޫމާތު ދީފައެވެ

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން މަޖިލިސް އިދާރާގައި ތިއްބެވި ނަމަވެސް، ނާޒިމް ރިޔާސަތުގައި އިންނެވުމުން އެއްވެސް މެންބަރަކު ތަޅުމަށް ވަދެވަޑައިގެންފައެއް ނުވެއެވެ. މިއަދުގެ ޖަލްސާ ފެށުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވުމަށްފަހު، ކޯރަމް ހަމަނުވުމުގެ ސަބަބުން ނާޒިމް ވަނީ ޖަލްސާ ކެންސަލް ކުރައްވާފައެވެ. އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މިއީ ނާޒިމްއާ ދެކޮޅަށް ގަސްދުގައި ހިންގި ހަރަކާތެކެވެ.

ނާޒިމްއާ މެދު ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އޭނާ ވަނީ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ އެސްއޯއީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް ދާދިފަހުން ވަކިކޮށްފައެވެ. މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ނާޒިމްގެ މައްޗަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ހިމެނޭ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކުރަން ނިންމިއިރު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މާދަމާ އަކީ މި ހިނގާ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާނެ ދުވަހެވެ. ޕީއެންސީގެ އެތެރޭގެ ކޯޅުމުގެ ސަބަބުން މަޖިލީހުގެ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅިފައިވާއިރު މާދަމާގެ ޖަލްސާ ވެސް ބޭއްވޭނެކަމަށް ނުބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0