ޗެއަރޕާސަން އިންތިޚާބުގެ ކެންޕޭނަށް ރައީސް ނަޝީދު ސްރީލަންކާއަށް
ބޮޑުބަދަލުގެ ނަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް، އެމަނިކުފާނު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ރާއްޖެ ގަޑިން 20:00 އިން 22:00 އަށް ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުން އޮންނާނީ ސްރީލަންކާގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ދެހިވާލާގައެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކެންޕޭން ފުރިހަމަވާނީ އިންޑިއާގެ ނިއުދިއްލީއާއި ސްރީލަންކާގެ ކޮލަމްބޯއަށް ވަޑައިގަތުމުންކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް މިދިޔަ މަހުގެ 19 ވަނަ ދުވަހު ފެއްޓެވިފަހުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ އެކި ހަރަކާތްތައް ބާއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އާއި ހއ. ދިއްދޫގައި ބޭއްވި ކެންޕޭން ޖަލްސާތައް ފާހަގަކޮށްލެވެއެވެ.
ޖޫން މަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) ވާދަކުރައްވާނެއެވެ.






ރިއެކްޓް