ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަލައިކާ އައްޔަންކުރައްވައިފި
މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމުގެ މަގާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޝިޔަތު އަލައިކާ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލައިކާ މިހާރު ވަނީ އެ މަގާމަށް އައްޔަންކުރައްވާފަ އެވެ. މިކަން ޔަގީންކުރެވިފައިވީ ނަމަވެސް، މި އައްޔަންކުރެއްވުމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިދިޔަ މަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ޑަބްލިއުޑީސީގެ ރައީސްކަމަށް ސަރުކާރު ކޯލިޝަނުގެ ޓިކެޓުގައި އަލައިކާ ވާދަކުރެއްވި އެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާއާ ވާދަކުރައްވައި އަލައިކާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވަރަށް ކުޑަ ވޯޓު ތަފާތަކުންނެވެ.
އަލައިކާއަށް ސަރުކާރުގެ މަތީ ފަންތީގެ މަގާމެއް މި ދެއްވީ، ދާދިފަހުން ބޭއްވުނު އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވުމާއި، މިނިސްޓްރީތަކުގެ އަދަދު މަދުކުރުމުގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނަށްވެސް ބަދަލުތައް ގެންނަވަމުންދާކަން ފާހަގަކުރެވެއެވެ.






ރިއެކްޓް