ޖަޕާނުން އެމްއީއެކްސްޓީ ސްކޮލަރޝިޕަށް ހުޅުވާލައިފި
ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހި ދަރިވަރުންނަށް ދޭ "ޖަޕަނީސް ގަވަރމެންޓް (އެމްއީއެކްސްޓީ) ސްކޮލަރޝިޕް 2027" އަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޖަޕާން އެމްބަސީގެ ފަރާތުން ލިބިފައިވާ މި ފުރުޞަތަކީ ރާއްޖޭގެ މަތީ ތަޢުލީމު ކުރިއެރުވުމަށާއި، ދިވެހި ދަރިވަރުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ތަޢުލީމު ހޯދައިދިނުމަށް ހުޅުވާލެވުނު އަގުހުރި ފުރުޞަތެކެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކުރިމަތިލެވޭނީ "ކޮލެޖް އޮފް ޓެކްނޮލޮޖީ" އަދި "ސްޕެޝަލައިޒްޑް ޓްރޭނިންގ ކޮލެޖް" ތަކުން ފުރުޞަތު ހޯދަން ބޭނުންވާ ދަރިވަރުންނަށެވެ. މީގެ އިތުރުން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތުވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ހުޅުވާލާފައެވެ. މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކަކީ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭއިރު، ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކަކީ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
މި ފުރުޞަތަށް ކުރިމަތިލާ ދަރިވަރުންނަކީ 2 އޭޕްރިލް 1992 ގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށް ޓީއޯއީއެލްއެލްއިން 570 އަށްވުރެ މަތިން ނުވަތަ އައިއީއެލްޓީއެސްއިން މަދުވެގެން 6.0 ގެ ސްކޯއެއް ލިބިފައި އޮންނަންޖެހެއެވެ. މީގެއިތުރުން ސަރުކާރުގެ ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކާ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި، ކުރިމަތިލާ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ސްކޮލަރޝިޕްގެ ޝަރުތުތަކުގެ ތެރޭގައި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓަކަށް މި ފުރުޞަތަށް ކުރިމަތިނުލެވޭނެކަން ވަނީ ފާހަގަކޮށްފައެވެ. މި ސްކޮލަރޝިޕް ކާމިޔާބުކުރާ ދަރިވަރުންނަށް މަހުން މަހަށް ދޭ އެލަވަންސް، ކިޔަވައިދޭ ފީ، އަދި ދަތުރުފަތުރުގެ ޚަރަދު ޖަޕާން ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ. ނަމަވެސް "ކޮލެޖް އޮފް ޓެކްނޮލޮޖީ" ގައި ކިޔަވާ ދަރިވަރުންނަށް ކޯސް ނުވަތަ ޔުނިވަރސިޓީ ބަދަލުކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. އެޕްލިކޭޝަނާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓް، ރިސަރޗް ޕްލޭން، އަދި ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.






ރިއެކްޓް