ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނަގައި، ކެންޑިޑޭޓް ނަމްބަރުތައް މިއަދު ތަރުތީބު ކޮށްފިއެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ މައިގަނޑު ދެ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނެވެ.
މަޖިލީހުގެ ހުސްވެފައިވާ މި ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، ނަން ހުށަހަޅާފައިވަނީ އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. ގުރުއަތުން ނަންތައް ތަރުތީބުވި ގޮތަށް ބަލާއިރު، ކެންޑިޑޭޓް ނަމްބަރު 1 ލިބިވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު 2 ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސާދިގު (ސޯބެ) އަށެވެ.
ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އަހްމަދު ސައީދަކީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރެވެ. އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރިން އެ ގޮނޑި ތަމްސީލުކުރެއްވި މުހައްމަދު ސިނާން (ސިނާ) ކަމަށްވީ ނަމަވެސް، އޭނާ އިންތިހާބުގައި ވާދަނުކުރަން ނިންމެވުމާ ގުޅިގެން ޕީއެންސީން ވަނީ ސައީދަށް ޓިކެޓް ދީފައެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގަށް ޓިކެޓް ދީފައިވަނީ ޕްރައިމަރީއަކާ ނުލައެވެ. އެއީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ހަމައެކަނި ކެންޑިޑޭޓަކީ އޭނާ ކަމަށްވާތީއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.






ރިއެކްޓް