މަޖިލިސް މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ހިމަނައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާތީތަކުން ވަކިކުރުމުގެ އިޖުރާއަތްތައް ބަޔާންކޮށް ސިޔާސީ ޕާޓީތަކުގެެ ޤާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅުއްވަން ތައްޔާރުވެފައިވާކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
"މިފަހުން ޤާނޫނު އަސާސީ އަށް ގެނެވުނު އެންޓި ޑިފެކްޝަންއާއި ގުޅޭ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓިން ވަކިކުރާ އިޖުރާއަތްކަނޑައެޅުމަށްޓަކައި ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭތީވެ، އެ ބަދަލުތައް ގެނައުމަށްޓަކައި އެ ގާނޫނަށް ގެނެވޭ އިސްލާހެއް" ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާ ސަބަބާއި ގުޅޭ ގޮތުން އުޝާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ބިލްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އިތުރުން ތަޢުލީމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމާއި ގާނޫނު އަސާސީއަށް ދެ އިސްލާހެއް ހުށަހަޅުއްވާނެކަމަށް އިޝާރާތްކުރައްވާފައެވެ. މިގޮތުން ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި މަޖިލީސް މެންބަރުންގެ އަދަދާއި ގުޅޭ އިސްލާހެއް ހިމެނެއެވެ.
މީގެ އިތުރުން އިމިގްރޭޝަން އަދި ފަޅުރަށްތަކާއި ފަޅު ކުއްޔަށް ދޫކުރުމާއި ގުޅޭ މުޅިން އައު ޤާނުތަކެއް ވުޖޫދުކުރުމަށް ބިލްތަކެއް ހުށަހަޅުއްވާނެކަމަށްވެސް އޭޖީ ވިދާޅުވިއެވެ.






ރިއެކްޓް