ދިވެހިންނަކީ މަސައްކަތް ނުކުރާ ބަޔަކަށް ހަދަން ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރޭ: ރައީސް ނަޝީދު
ދިވެހިރާއްޖޭގެ ރަށްތަކުގައި ތިބި ޒުވާނުންނަށް ސަރުކާރުގެ ކަމެއް ނެތް މަޤާމުތަކުން ވަޒީފާ ދީގެން، ދިވެހިންނަކީ މަސައްކަތް ނުކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަނޑިކޮށީ ޖަހައިގައި ބޭއްވި "ބޮޑު ބަދަލު" ކެމްޕޭން ޖަލްސާއެއްގައި، ދައުލަތުގެ ޚަރަދުތަކާއި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ބޭކާރު ޚަރަދުތައް ކުޑަކުރުން ކަމަށެވެ. ނަމަވެސް އެ މަގުން ކަންކަން ނުކުރައްވައި، މަސްދޯނިފަހަރު މަހަށް ނުފުރޭ މިންވަރަށް ރަށްރަށުގެ ޒުވާނުން ސަރުކާރުގެ ބޭކާރު މަޤާމުތަކަށް ވައްދަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތަށް ވަޒީފާ ދޭ މީހުންނަށް ކަމެއް ނުކޮށް ތިބެގެން 10،000 ނުވަތަ 12,000 ރުފިޔާ ލިބޭކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"ދިވެހީންގެ ޠަބީޢަތު ބަދަލުކޮށްލުމަށްޓަކައި ސަރުކާރުން ވަޒީފާތައް ދީ، ދިވެހިރާއްޖެ އެއީ މަސައްކަތްނުކުރާ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުމަށް ސަރުކާރުން މި ދަނީ ބުރަ މަސައްކަތެއް ކުރަމުން،" ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މިހާރު ދޭ މުސާރައަކީ ދިރިއުޅުމުގެ ޚަރަދުތަކާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އަމިއްލަ ގެދޮރުގައި އުޅޭ މީހަކަށް ވެސް މަހެއްގެ މައްޗަށް މަދުވެގެން 20,000 އާއި 30,000 އާ ދެމެދުގެ އަދަދެއް ބޭނުންވާ ކަމަށެވެ.
ސަރުކާރުން އިންތިޚާބުތައް ކާމިޔާބު ކުރަން އުޅެނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، މިދިޔަ މާރިޗު މަހު ބޭއްވި ކައުންސިލް އިންތިޚާބުން ދިވެހިން ސަރުކާރަށް ފިލާވަޅެއް ދަސްކޮށްދީފައިވާ ކަމަށެވެ. ރިޝްވަތާއި ނާޖާއިޒު ފައިދާ ދިން ނަމަވެސް، ރައްޔިތުން ސަރުކާރާއެކު އަނދަވަޅަކަށް ވެއްޓެން ބޭނުންނުވާކަން އެ އިންތިޚާބުން ހާމަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، މިއަދު ސަރުކާރަށް އޮތް ތާއީދު 30 އިންސައްތައަށް ވުރެ ވެސް ދަށްވެފައިވާ ކަމަށެވެ. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، ސަރުކާރުން ހަދާ ދޮގުތަކަށް މިހާރު ރައްޔިތުން ނުހެއްލޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.






ރިއެކްޓް