ބަދަލުތައް ގެންނަނީ އިންސާފުވެރިކަމާއެކު ޑޮލަރު ފޯރުކޮށްދިނުމަށް: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން އިއުލާނުކުރި ފިޔަވަޅުތަކަކީ ޒަރޫރީ ބޭނުންތަކަށާއި އާންމުންގެ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކުގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ކާޑުތަކުގެ ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުން ކަމަށެވެ.
ބޭންކުން ހާމަކުރި ގޮތުގައި، ބޭރު ގައުމުތަކުގައި ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަކީ ކާޑުގެ ވެރިފަރާތް ފިޒިކަލްކޮށް އެ ގައުމެއްގައި ހުރެގެން ކުރާ މުއާމަލާތްތަކެއްކަން ކަށަވަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އޮންލައިން ޝޮޕިންގް ޕްލެޓްފޯމްތަކުގައި އަމިއްލަ ބޭނުންތަކަށް ދީފައިވާ ލިމިޓް ބޭނުންކޮށްގެން ވިޔަފާރި މުއާމަލާތްތައް ހިންގާ މަދު ބަޔަކަށް ބޮޑު އަދަދުން ޑޮލަރު ލިބޭ މައްސަލަ ހައްލުކުރުމަށް ދުވާލަކު ވަކި މިންވަރެއް (ޑެއިލީ އެލޮކޭޝަން ބަޖެޓެއް) ވަނީ ކަނޑައަޅާފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރަށް ފައިސާ ފޮނުވުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ އިރު، ޓީޓީ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދުމަށް ކުރާ މަސައްކަތްތައް ދެނެގަނެވޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. ދަރިވަރުންނަށް މަހަކު 1,200 ޑޮލަރުގެ ލިމިޓް ދަމަހައްޓާފައިވާ އިރު، ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ކުރިއަށް އޮތް ތިން މަސްދުވަހު އެ ފުރުސަތު އޮންނާނެއެވެ. އެ މުއްދަތުގެ ތެރޭގައި ދަރިވަރުންނަށް ހާއްސަ ކާޑުތައް ދޫކުރެވޭނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ބޭންކުގެ މި ނިންމުމާ ގުޅިގެން ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ، ކުއްލި ގޮތަކަށް ޑޮލަރުގެ ލިމިޓްތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ، ދުރުވިސްނުމެއް ނެތް ނިންމުންތަކެއް ކަމަށް ސިފަކުރައްވައި، ރައްޔިތުންގެ ފައިސާ ރައްކާތެރިކުރުމަށް ބޭންކަށް ވަނީ ގޮވާލައްވާފައެވެ.
ބޭންކުން ބުނާ ގޮތުގައި ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި ދަތުރުފަތުރާއި ބޭސްފަރުވާގެ ބޭނުންތަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.






ރިއެކްޓް