ބީއެމްއެލްއިން ސަރުކާރުގެ "ވޮލެޓް" އަކަށް ވުން ހުއްޓާލަންޖެހޭ: ފައްޔާޒު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަރުކާރުގެ "ވޮލެޓް" އަކަށް ވުން ހުއްޓާލަން ވެއްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވެއްޖެއެވެ.
ފައްޔާޒުގެ މިހެން ވިދާޅުވީ ބީއެމްއެލް އިން ބައިނަލްއަގުވާމީ މާލީ ބާޒާރުން ޑޮލަރު ސުކޫކެއް މެދުވެރިކޮށް ފައިސާ ހޯދުމަށް އިންވެސްޓަރުންނާ ބައްދަލުކުރަމުންދާ ކަމަށް ބުލޫމްބާގްގައި ރިޕޯޓުކޮށްފައިވާ ހަބަރަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ބީއެމްއެލްގެ ޑައިރެކްޓަރ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިންގ އަބްދުﷲ ހަސަން ބުލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މިއީ ބޭންކުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވަންނަ ފުރަތަމަ ފަހަރު ކަމަށެވެ.
ބީއެމްއެލްއިން ޑޮލަރު ދޫކުރުން ކުއްލި ގޮތަކަށް ހަނިކުރުމަށް ނިންމި ނިންމުމަކީ ވެސް އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ ސަރުކާރަށާއި ބޭންކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބީއެމްއެލް އިން ޑޮލަރު ލިބުން ދަތިކުރުމުން ކިޔަވާ ކުދިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އާންމު އާއިލާތަކަށް ބޮޑެތި ދަތިތަކާއި ނުތަނަވަސްކަން ކުރިމަތިވާނެ ކަމަށެވެ. އަދި ބޭންކުގެ މިފަދަ ކުއްލި ނިންމުންތަކުގެ ސަބަބުން އިގްތިސާދީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުގެ ލީޑަޝިޕް ބަލިކަށިވުމުގެ ސަބަބުން ހާލަތު ވަޒަންކުރަން ނޭނގޭ ކަމަށް ތުހުމަތުކުރައްވައި ފައްޔާޒު ވިދާޅުވީ، "ބީއެމްއެލް އިން މުއިއްޒު ސަރުކާރުގެ ވޮލެޓާއި 'ލެޕްޑޮގް' އަކަށް ވުން ހުއްޓާލަންޖެހޭ"ކަމަށެވެ. އަދި ރައްޔިތުން ބުރަ މަސައްކަތުން ހޯދާފައިވާ ފައިސާ ރައްކާތެރިކުރުމަށް ބޭންކުން ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ ކަންކަން ފޮރުވުމަށް ނިންމާ ވަގުތީ ނިންމުންތަކެއް ނޫން. ބޭނުންވަނީ ވަގުތުން ވަގުތަށް ކަންކަން ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތައް،" ފައްޔާޒު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ބޭންކުން ކުރާ މަސައްކަތުގެ ސަބަބުން މުޅި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
ރާއްޖޭގެ ބޭންކިންގ ދާއިރާގެ އެސެޓާއި ޑިޕޮސިޓްގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ބީއެމްއެލް އިން އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑު މެނޭޖަރުންނާ ބައްދަލުކުރަމުންދަނީ ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމަށްކަމަށް ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރުގެ ނުފޫޒުން ސަރުކާރަށް ނުހޯދޭ ފައިސާ ބޭންކު މެދުވެރިކޮށް ހޯދަން ބޭންކުން ނިންމާ ނިންމުންތަކެކެވެ.






ރިއެކްޓް