ގަވަރުނަރު ހުރީ ފެއިލްވެފަ، އިސްތިއުފާދޭން ޖެހޭ: އަމީރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ ރޭ ދަނޑިކޮށީ ޖަގަހައިގައި ބޭއްވި 'ބޮޑު ބަދަލު' ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ސިޔާސީ ނުކުރާ މިންވަރަށް މި ސަރުކާރުން އެ ކުންފުނި ސިޔާސީ ކޮށްފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްއަކީ މިހާރު ސަރުކާރު ހިންގުމަށް ފައިސާ ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އަމީރު ވަނީ ސިފަކުރައްވާފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ބޭންކުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، މި ވާހަކަތަކަކީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އޭނާ ފާހަގަކުރައްވާފައިވާ ކަންކަން ކަމަށެވެ.
ސަރުކާރުން 'މާލީ ބަޢާވާތެކޭ' ކިޔައި ބީއެމްއެލްއަށް ޖެއްސުންކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން އޭރުގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ދެއްވައި ވަޑައިގަންނަވަން ޖެހުނުކަން އަމީރު ފާހަގަކުރެއްވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ ފެއިލްވަމުން ދަނީ ހަމައެކަނި ބީއެމްއެލް ނޫން ކަމަށާއި، ބީއެމްއެލްއާ އެކު ސެންޓްރަލް ބޭންކް ނުވަތަ އެމްއެމްއޭގެ ޒިންމާވެސް އެ ފަރާތަށް ނުނެގިގެންދާ ކަމަށެވެ. "އަޅުގަނޑު ހަމަ ގޮވާލަން، މިއަދުގެ ގަވަރުނަރު އެހެރީ ބޮޑުތަނުން ފެއިލްވެފައި، ގަވަރުނަރު އެބަޖެހޭ އިސްތިއުފާދޭން،"އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބެލިޔަސް ފެންނަނީ މި ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ މަންޒަރު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މިހާރު ރާއްޖެ އޮތް ނާޒުކު އިގްތިސޯދީ ހާލަތުން އަރައިގަނެ، ހެޔޮ ބަދަލެއް ގެނެވޭނީ 'ބޮޑު ބަދަލު' ގެ ވިސްނުމުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.






ރިއެކްޓް