އޮރިޔާން އުފައްދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށް
އޮރިޔާން އުފައްދައި، އެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއް ސާބިތުވެ، އަންހެނަކު ހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާގެ މައްޗަށެވެ.
މަރްޔަމް ރިޔާސާގެ މައްޗަށް ދައުލަތުން މި ކޭސްގައި ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި، ދައުލަތުން އުފުލި މި ދެ ދައުވާއަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ކޯޓުން ކަނޑައަޅާފައިވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެކެވެ. އެހެންކަމުން، ދެ ދައުވާ އެކުވެގެން އޭނާ ތަންފީޒު ކުރަންޖެހޭ ޖުމްލަ އަދަބަކީ ހަ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މުޖުތަމައުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން، މި ދެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވައިނުލައި ސިއްރުންނެވެ. އެހެންކަމުން، މި ހާދިސާ ހިނގާފައިވާ ގޮތުގެ އިތުރު ތަފްސީލުތަކެއް ލިބިފައެއް ނުވެއެވެ.
ކުރީގެ ރެކޯޑްތަކަށް ބަލާއިރު، މަރްޔަމް ރިޔާސާއަކީ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީގެ ކުރިން ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. އޭރު އޭނާ ހޯދަން އިއުލާންކުރީ މައްސަލައާ ގުޅިގެން ފިލައިގެން އުޅޭތީ ކަމަށް ރެކޯޑްތަކުން ދައްކައެވެ.






ރިއެކްޓް