ސިޔާސީ , ޚަބަރު

"އައިޝާ" ޑޮކިއުމަންޓަރީ: ތަހުގީގަށް މިއަދުވެސް އީޝާ ފުލުހަށް ހާޒިރު ކުރަނީ

6 މޭ 2026 - 10:15
"އައިޝާ" ޑޮކިއުމަންޓަރީ: ތަހުގީގަށް މިއަދުވެސް އީޝާ ފުލުހަށް ހާޒިރު ކުރަނީ

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހަށް ހާޒިރުކުރި އީޝާ އަޝްރަފަކީ މި މައްސަލައިގައި ވިކްޓިމެއް ކަމަށާއި، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޭނާގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ. ރޭގެ ތަހުގީގު ދިގުލައިގެން ދިއުމާ ގުޅިގެން، އީޝާގެ އެދުމުގެ މަތިން ސުވާލުކުރުމުގެ ބައެއް ވަނީ މިއަދަށް ވަނީ ފަސްކޮށްފަ އެވެ.

މި މައްސަލައިގައި އީޝާ ފުލުހަށް ހާޒިރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ތަހުގީގަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އީޝާ ހަނުހުރުމުގެ ހައްގު ބޭނުން ނުކުރާނެ ކަމަށާއި، ކަން ހިނގައިދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ފުލުހުންނަށް ކިޔައިދޭނެ ކަމަށެވެ. "އީޝާއަކީ މި މައްސަލައިގައި ވިކްޓިމްއެއް. ދެން ވިކްޓިމްއަކަށް ވީގޮތް އަޅުގަނޑުމެން ވަރަށް ތަފްސީލުކޮށް ފަހުން ކިޔައިދޭނަން،" ޝަމީމް ވިދާޅުވި އެވެ.

އީޝާގެ އަނެއް ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ، އީޝާގެ މައްޗަށް ތުހުމަތު ކުރަނީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލުކުރުމުން، ފުލުހުން ބުނީ އެކަމާ ގުޅޭ ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ހެއްކެއްކަން ފުލުހުން ހާމަކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ޝަމީމް އިތުރަށް ވިދާޅުވީ މިއީ ވަޒީފާގެ މާހައުލުގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަން ހުއްޓެން ޖެހޭ ކަމަށެވެ.

މިދިޔަ މާޗު މަހު ނެރުނު މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ 'އަދަދު' ނޫހުގެ އިދާރާ ފާސްކޮށް، އެތަނުގެ ކޮމްޕިއުޓަރު ސާމާނުތައް ގެންގޮސްފަ އެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން އީޝާގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓާފަ އެވެ. މީގެ ކުރިން ފިޔާޒާއި ހަސަން ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފަ އެވެ.

މި ސަރުކާރުގެ ރައީސް އޮފީހާއި އެހެން ބައެއް މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތައް ފުރުއްވި އީޝާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އީޝާގެ ފަރާތުން ފުލުހުންނަށް ފުރިހަމަ މައުލޫމާތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0