ޚަބަރު

މަސްތުވާތަކެތީގެ މައްސަލާގެ ދިފާއުގައި ރޫނާގެ ފަރާތުން އެދުނީ ފުލުހުންގެ ބޮޑީކޭމް ރިކޯޑިންއަށް

5 މޭ 2026 - 21:55
މަސްތުވާތަކެތީގެ މައްސަލާގެ ދިފާއުގައި ރޫނާގެ ފަރާތުން އެދުނީ ފުލުހުންގެ ބޮޑީކޭމް ރިކޯޑިންއަށް

އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކު، އޭނާގެ ދިފާއީ ވަކީލު މުހައްމަދު ވިޝާމް ޖަލީލު ފުލުހުންގެ ބޮޑީކެމް ރިކޯޑިން ހޯދުމަށް ކޯޓުގައި އެދިއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ. މީގެ ތެރެއިން ބޮޑީކެމް ރިކޯޑިން ހޯދަން އެދިފައިވަނީ އާމިނަތު ރޫނާއެވެ.

މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 25 ދުވަސް ޖަހާފައެވެ.

ރޫނާގެ ދިފާއަށް ބޮޑީކެމް ރިކޯޑިން ހޯދަން އެދިފައިވާކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވާއިރު، އަލްޔާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހެއްކަން އޭނާގެ ބަންދު ރިޕޯޓުން އެނގެއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ދެ އަންހެނުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ޓްރެފިކް ކުރި ކަމުގެ ތުހުމަތެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މިފަދަ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކެވެ. ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތި އެތެރެކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން، ޤާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ވަކި މިންގަނޑަކަށްވުރެ ގިނައިން (މިސާލަކަށް 4 ގުރާމަށްވުރެ ގިނަ ހެރޮއިން) އަތުގައި ހުރުމަކީ ޓްރެފިކްކުރުން ކަމަށް ބެލެވޭނެއެވެ. މި ކުށަށްވެސް އޮންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޢަދަދެއްގެ ޖޫރިމަނާއެކެވެ. މަސްތުވާތަކެތި ގަނެވިއްކުމާއި ވިޔަފާރީގެ މުޢާމަލާތް ހިންގުމަކީވެސް އެ ޤާނޫނުގެ 106 ވަނަ މާއްދާގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކަންކަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 4
މަޖާ މަޖާ 3