ސިޔާސީ , ޚަބަރު

ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ލަމްއާން

5 މޭ 2026 - 23:20
ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ލަމްއާން

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަނު ކުރައްވައިފިއެވެ.

ޕީއެންސީގެ ފަރާތުން ވަނީ ލަމްއާން އެ މަގާމަށް އައްޔަނު ކުރެއްވިކަން ރަސްމީކޮށް ހާމަކޮށްފައެވެ.

ލަމްއާން މިހާރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކިއުޓިވް މެންބަރު އަދި ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ. މީގެ ކުރިން އޭނާ ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ޕީއެންސީގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެންނަމުންދާއިރު، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށްވެސް ދާދިފަހުން ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މުއާޒް ހަލީމް މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ މޫސާ ފަތުހީ އާދަމް އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0