ޚަބަރު

ތިލަމާލެ ބްރިޖްގެ 72.17 އިންސައްތަ މަސައްކަތް ނިމިއްޖެ : ހައުސިންގް މިނިސްޓްރީ

5 މޭ 2026 - 20:20
ތިލަމާލެ ބްރިޖްގެ 72.17 އިންސައްތަ މަސައްކަތް ނިމިއްޖެ : ހައުސިންގް މިނިސްޓްރީ
ފޮޓޯ : ވިރާސީ

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ 72.17 އިންސައްތަ މިހާތަނަށް ފުރިހަމަކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. 

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވަނީ ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވާފައެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ކާސްޓްކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.

މީގެއިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ބްރިޖްގެ ވިލިމާލެއާއި މާލެއާ ދޭތެރޭގެ ބައިގެ މަސައްކަތް ފުދޭވަރަކަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޕްރޮޖެކްޓް ހުއްޓުމަކީ މިވަގުތު އެއްވެސް ބައެއްގެ މަސްލަހަތެއް ނޫން ކަމަށާއި، އެހެންކަމުން ބްރިޖް ވީހާވެސް އަވަހަކަށް ނިންމުމަށް ކޮންޓްރެކްޓަރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދީގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.

މި މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި، ކޮންޓްރެކްޓަރަށް އިތުރު ޕެނަލްޓީއެއް ނާންނަ ގޮތަށް މުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމެންވާއިރަށް ބްރިޖްގެ ހުރިހާ މަސައްކަތެއް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0