ޚަބަރު , ސިޔާސީ

ލަންކާއަށް ފަސްމީރު ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކޮށްފި

5 މޭ 2026 - 19:16
ލަންކާއަށް ފަސްމީރު ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކޮށްފި
ފޮޓޯ : މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަޝްހޫރު "ފަސްމީރު" ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މި ބްރޭންޑް ލަންކާއަށް ތައާރަފުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ބާޒާރަށް ފަސްމީރުގެ އުފެއްދުންތައް ނެރެފައިވަނީ ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިން ދާއިރާގެ އިތުރުން، ރީޓެއިލް އަދި ހޯލްސޭލް ބާޒާރުތަކަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު އަނަސް ވިދާޅުވީ، މިއީ ކުންފުނީގެ ވިޔަފާރި ބައިނަލްއަގުވާމީ ބާޒާރުގައި ފުޅާކުރުމަށް ކަނޑައަޅާފައިވާ އިސްތިރާޖީގެ ދަށުން ހޯދުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ލަންކާއަށް ފަސްމީރު ބްރޭންޑް ތައާރަފުކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަނަސް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ރާއްޖެއިން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި އިޝްތިހާރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. މިއީ ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރާއި މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ލަނޑުދަނޑިއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0